Last Updated: July 16, 12:04
Wednesday, July 16, 2025
ޚަބަރު

އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނެސްފި

އއ. މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާލެ ގެނެސްފި އެވެ.

ފުލުހުން ބުނީ ޢަބްދުއްރަޙްމާން ،65، ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމީ މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ވަނީ ނިޔާވެފަ އެވެ. އޭނަ އަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށް ކަމަށް އެނގިފައިވެ އެވެ.

މި ހާދިސާ ތަހުގީގު ކުރަން މާލެއިން ވެސް ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ގެންދަނީ މާޅޮހަށް އަރައި ފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.