Last Updated: July 15, 06:03
Tuesday, July 15, 2025
މުނިފޫހިފިލުވުން

ރަންވީރާއި ބޮބީ އަށް ވަރުގަދަ ބޮޑު ޕްރޮޖެކްޓެއް

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ބޮބީ ޑިއޯލް ބޮޑު ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިއީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި ދެ ތަރިން ވެސް ފިލްމުގައި ކުޅޭނީ މީގެ ކުރިން ފެނިފައި ނުވާ ކަހަލަ ރޯލުތަކަކުން ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ރަންވީރު ސޮއިކޮޮށްފައި އޮތް ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޑޮން 3" ގެ ޝޫޓިން މިހާރު އަންނަ އަހަރުގެ ޖެނުއަރީ އަށް ފަސްކުރީ ވެސް، ބޮބީއާ އެކު ކުޅޭ ފިލްމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް މިއީ ކޮން ޕްރޮޑަކްޝަން ހައުސްއަކުން، ކޮން ޑައިރެކްޓަރަކު، ކޮން ނަމެއްގައި ހަދާ ފިލްމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މި ފަހުން ބޮބީގެ ވަރަށް ތަފާތު ލުކެއް ވެސް ލީކްވެފައިވާ އިރު، މީޑިއާތަކުން ބުނެފައި ވަނީ މިއީ އާ ފިލްމުގައި އޭނަ ފެންނާނެ ގޮތް ކަމަށެވެ.

ބޮލީވުޑްގައި 90 ގެ ތެރޭގައި އެންމެ ވިދި އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރާ އެކު މަސައްކަތް ކުރަން ރަންވީރަށް ފުރުސަތު ލިބުނު އިރު، ބޮބީގެ ބައްޕަ، ދަރުމެންދުރާއާ އެކު ވެސް ރަންވީރު މަސައްކަތްކޮށްފައިވެ އެވެ. އެއީ ޑައިރެކްޓަރު ކަރަން ޖޯހަރް 2023 ގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގަ އެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެންބަރު 5 އަށް ތާވަލުކޮށްފައިވާ ޑައިރެކްޓަރު އަދިތިޔާ ދާރްގެ ދުރަންދާރު އެވެ.

ބޮބީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި މަހުގެ 24 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ތެލެގޫ ފިލްމު "ހަރީ ހަރާ ވީރާ މައްލޫ، ޕާޓް 1" އާއި ޑިސެމްބަރުގައި ގެނެސްދޭން ނިންމާފައިވާ އާލިއާ ބަޓްގެ "އަލްފާ" ގެ އިތުރުން ތަމަޅަ ފިލްމު "ޖާނާ ނަޔާގަން" ހިމެނެ އެވެ.