މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު (21 އ) މާލޭގެ އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުން ކަމަށެވެ.
މި ކޮމިޝަން އުފެއްދީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.
ކޮމިޝަނާ މަތިކޮށްފައިވަނީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކޮށް، ރައީސަށް ލަފާއެރުވުމަށެވެ.
ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ ރިޕޯޓުގައި ވަނީ ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ ކަމަށާއި ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ.
ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ހޯމް މިނިސްޓްރީ އާއި، ޞިއްޙީ ވުޒާރާއަށް، ރައީސް ވަނީ އަންގަވާފަ އެވެ.