މާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅުކަން އެނގިއްޖެ އެވެ.
އަޝްފާ އާއި ތެރަވާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ،17، މަރުވީ އެކްސިޑެންޓަށް ފަހު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެނިކޮށެވެ. މިއީ އަޝްފާ އާއި ތޭރަވާގެ ހަމައެކަނި ދަރިފުޅެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 8:30 ހާއިރެވެ.
މި އެކްސިޑެންޓުގައި އަލްސަން މަރުވެފައިވާއިރު، އިތުރު ދެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެއީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަށް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ 16 އަހަރުގެ ކުއްޖާ އާއި މަރުވި 17 އަހަރުގެ ކުއްޖާއަކީ ސައިކަލުގައި ތިބި ދެ ކުދިން ކަމަށެވެ.
މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.