ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ 3-0 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފި އެވެ.
މިއީ ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ނަމަވެސް ފީފާ އިން މިއަހަރު ކްލަބް ވޯލްޑް ކަޕް ކުރިއަށް ގެންދިޔައީ މުޅިން އަލަށް 32 ޓީމު ހިމަނައިގެން ފޯމެޓަށް ބަދަލުތަކެއް ގެނެސްގެންނެވެ. ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރެވެ.
މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ 22 ވަނަ މިނެޓްގައި ކޯލް ޕާމާ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. މިއީ ޕީއެސްޖީގެ އޭރިއާ ތެރޭ ހުރެ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ޗެލްސީން އުފެއްދި ކައުންޓަ އެޓޭކެއްގައި ޕާމާ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މި ދެ ގޯލާއެކު ޕީއެސްޖީން ކުރިއަށް ޖެހިލައިގެން ގޯލެއް ކާމިޔާބުކުރަން މަސައްކަތް ކުރަމުންދަނިކޮށް، މެޗުގެ 43 ވަނަ މިނެޓްގައި ޕާމާ ދިން ޕާހަކުން ޖައޯ ޕެޑްރޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޗެލްސީގެ ލީޑު ފުޅާކޮށްދީފަ އެވެ. ޕެޑްރޯ އަކީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ޗެލްސީއާ ގުޅުނު ކުޅުންތެރިއެކެވެ.
ދެވަނަ ހާފުގައި ޕީއެސްޖީން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޗެލްސީގެ ސަންޗޭޒް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޗެލްސީގެ ޕާމާ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޕީއެސްޖީގެ ޑިޒިރޭ ޑޫއޭ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޗެލްސީ އަށް ތަށި ހަވާލުކޮށްދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.