Last Updated: July 16, 13:37
Wednesday, July 16, 2025
ޚަބަރު

ގޮތް ނޭނގޭ މަރުތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އއ. މާޅޮހުގައި މަރާލާފައި އޮއްވާ މީހަކު ފެނުނު ހާދިސާއާ ގުޅިގެންނެވެ. މަރާލާފައި އޮއްވާ ފެނިފައިވަނީ އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިފަދަ ގޮތް ނޭނގޭ މަރުތައް އިތުރުވަމުންދާ ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. މި މަރުގެ ހާދިސާ ފުރިހަމައަށް ތަޙުޤީގުކޮށް ޙާދިސާގެ އެންމެ ފުނާއި ހަމައަށް ވާސިލުވުމަށް ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް ޝާހިދު ވަނީ ގޮވާލާފަ އެވެ.

އަބްދުއްރަހްމާން ،65، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާލެ ގެނެސްފައިވާއިރު، ފުލުހުން ބުނީ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމީ މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އޭނަ އަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށް ކަމަށް އެނގިފައިވެ އެވެ.

މި ހާދިސާ ތަހުގީގު ކުރަން މާލެއިން ވެސް ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ގެންދަނީ މާޅޮހަށް އަރައި ފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.