ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ބޭނުންކުރި އެވެ.
އޭގެ އިތުރުން އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިން ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފަ އެވެ. މިއީ ދުބާއީ, ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ, ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކުރިއަށްގެންދިޔަ ޓްރަޔަލްއަކީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އޮރާޓް ޕްރޮސެސްގެ ތެރެއިން ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޓްރަޔަލްއެއް ކަމަށެވެ. މި ޓްރަޔަލް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
ވީއައިއޭގެ އާ ޓާމިނަލުގެ ޕެސެންޖާ ބޯޑިން ބްރިޖު (ޕީބީބީ) އާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެ އެވެ. އެކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތައް ކުޑަކުރެވި, ވަގުތު ސަލާމަތްކުރެވި, ރައްކާތެރިކަން ކަށަވަރު ކުރެވޭނެ އެވެ.
ވަގުތުގެ ގޮތުން ބަލާ ނަމަ ޕީބީބީ އާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ އަށް ވަރަކަށް މިނެޓެވެ. އެކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ, އިތުރު މަތިންދާބޯޓަށް ޖާގަ ލިބިގެންދާނެ އެވެ.
މީގެއިތުރުން އޭވީޑީޖީ ސިސްޓަމާއެކު މުވައްޒަފުންނާއި މަތިންދާބޯޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ އެވެ. އެގޮތުން މި ސިސްޓަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑިސްޕްލޭގެ ސަބަބުން ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައި ވެސް ޕައިލެޓަށް ފަސޭހައިން މަތިންދާބޯޓު ޕާކު ކުރުމަށް ފަސޭހަ ވެގެންދާނެ އެވެ.