Last Updated: July 15, 13:38
Tuesday, July 15, 2025
ޚަބަރު

ޓްރޭޑްމާކް ބިލް މަޖިލީހަށް ހުށަހަަޅައިފި

ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރެވެ.

ޓްރޭޑްމާކް ބިލް މަޖިލީހަށް ހުށަހެޅީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމަރކް ރަޖިސްޓްރީކޮ ށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ކަމަށެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާ ގުޅިގެން އެޓްރޭޑްމާކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާން ކުރުމާއި ޓްރޭޑްމާކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލުގެ ދަށުން ޓްރޭޑްމާކެއްއް ކަމަށް ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރުމުންނެވެ.

ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށް ދޭނީ 10 އަހަރަށެވެ. އަދި އެ މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ އެވެ.

ޓްރޭޑްމާކްގެ ބިލުގައި ބުނެފައިވާ ގޮތުގައި އެ ޙައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ. އަދި މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމާކްގެ ވެރިފަރާތައް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތެއްގައި ވެސް މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ކޯޓަށް ނެރެވިދާނެ އެވެ.

ބިލުގައި ވަނީ ރާއްޖޭގައި ކައުންޓަފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުން ވެސް ވަނީ މަނާކޮށްފައެވެ. އެފަދަ އަމަލެއްކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ބިލު ފާާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އަދި އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެ ނަމަ އެ ޓްރޭޑްމާކްތައް އުވާލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.