Last Updated: July 15, 13:52
Tuesday, July 15, 2025
މުނިފޫހިފިލުވުން

ކާރު ސްޓަންޓެއް ހަދަނިކޮށް މަރުވެއްޖެ!

ފިލްމެއްގެ މަންޒަރަކަށް ކާރެއްގެ ސްޓަންޓެއް ހަދަނިކޮށް އިންޑިއާގެ މަޝްހޫރު ސްޓަންޓްމޭންއަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ ޓަމިލް ނާޑޫގައި ހިނގި އެ ހާދިސާގައ މަރުވެފައި ވަނީ އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ސްޓަންޓް މޭންއެއް ކަމަށްވާ އެސްއެމް ރާޖޫ އެވެ. އޭނަ މަރުވީ ތަމަޅަ އެކްޓަރު އަރިއާގެ އެކްޝަން ފިލްމު "ވެއްޓުވަން" ގެ މަންޒަކަށް ކާރު ސްޓަންޓެއް ހަދަން އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގަ އެވެ.

އެގޮތުން ޕާ ރަންޖީތު ޑައިރެކްޓްކުރާ ފިލްމުގެ އެކްޝަން މަންޒަރަކަށް ބާރު ސްޕީޑްގައި ރާޖޫ ކާރު ދުއްވަނިކޮށް، ކޮންޓްރޯލުން ނައްޓާލައިގެން ގޮސް އެހެން ކާރެއްގައި ޖެހި، ފުރޮޅާލާފައިވެ އެވެ. އަދި އެ ހާދިސާ ހިނގުމާ އެކު، ކާރު ތެރެއިން ރާޖޫ ނެގި އިރު ވެސް އޭނަ އޮތީ މަރުވެފައި ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.

ރާޖޫ އަކީ މިހާތަނަށް ވަރަށް ގިނަ ތަމަޅް ފިލްމުތަކަކަށް ނުރައްކާތެރި އެތައް ސްޓަންޓެއް ހަދާފައިވާ މީހެކެވެ. އެގޮތުން "ވެއްޓުވަން" ގެ އެކްޓަރު އަރިއާގެ އެހެން ބައެއް ފިލްމުތަކެއްގައި ވެސް ރާޖޫ ސްޓަންޓްތައް ހަދާފައިވެ އެވެ.