Last Updated: July 16, 05:50
Wednesday, July 16, 2025
ޚަބަރު

އެއްގަމު ދަތުރުފަތުރަށް އާ ގާނޫނެއް އެކުލަވާލަނީ

މަގުމަތީގައި ހިނގާ ނުރައްކާތެރި ބޮޑެތި ހާދިސާތަކަށް ހައްލު ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ މިހާރު އޮތް އެއްގަމު ދަތުރުފަތުރުގެ ގާނޫނަކީ މިހާރުގެ ހާލަތަށް ބަލާ އިރު ދުވަސްވެފައި އޮތް ގާނޫނަކަށްވާތީ މުޅިން އާ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާރު އަމަލު ކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފެށީ އޭޕްރިލް 15، 2009، ގަ އެވެ. އެ ގާނޫނަށް އެންމެ ފަހުން އިސްލާހުކޮށްފައި ވަނީ 2020 ގަ އެވެ.

އުޝާމް އިތުރަށް ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު މިހާރު އޮތީ ފައިނަލް ޑްރާފްޓާ ހިސާބުގައި ކަމަށެވެ. އަދި މަދު ދުވަސްކޮޅެއް ތެރޭގައި ކަމާބެހޭ ފަރާތްތަކުގެ ހިޔާލަށް އެ ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުޝާލް ވިދާޅުވި ގޮތުގައި އަމާޒަކީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ އާ ގާނޫނު މަޖިލީހަށް ފޮނުވަން ކަމަށެވެ.

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނުތަކަށާއި ގަވައިދުތަކަށް ބަދަލުތައް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 6 ގައި ކަމާބެހޭ ފަރާތްތަކަށް ވެސް އަންގަވައިފަ އެވެ.

ރާއްޖޭގައި ހިނގާ މަގުމަތީގެ ބޮޑެތި އެކްސިޑެންޓްތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ އިރު، ރޭ މާލޭގައި 17 އަހަރުގެ ކުއްޖަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ، ފަރުވާ ދެނިކޮށް އެ ކުއްޖާ ވަނީ މަރުވެފަ އެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިނގާގައިވާ ބައެއް އެކްސިޑެންޓްތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ނުކުޅެދޭ ހާލާތަށް ވެސް ގޮސްފައިވެ އެވެ.