މިނިވަން ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނާ ވާދަކުރައްވަން ކެރޭވަރުގެ ސިޔާސީ ލީޑަރެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ސިޔާސީ ލީޑަރުން ބޭނުންވެވަޑައިގަންނަވަނީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ބާއްވަން ކަމަށެވެ.
"މި އުޅޭ ސިޔާސީ މީހުންނޭ ކިޔައިގެން އުޅޭ މީހުން އިނގޭތޯ. އޭގެ ތެރޭގައި ރައީސް މައުމޫން ވެސް ހިމަނައިގެން އަޅުގަނޑު މި ވާހަކަ ދައްކަނީ،" ޔާމީން ވިދާޅުވި އެވެ. "ކީއްވެގެންތޯއޭ މިނިވަން އިންތިހާބެއްގައި އަޅުގަނޑާއި ވާދަކުރަން ނުކެރިގެން މި އުޅެނީ،" ޔާމީނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ 2018 ގައި ބޭއްވި އިންތިހާބު ނާކާމިޔާބުވީ އެ އިންތިހާބަކީ އިންޑިއާ މެދުވެރިވެގެން "ވަގަށް ނެގި" އިންތިހާބަކަށްވާތީ ކަމަށެވެ. އަދި 2023 ގެ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަ ކާމިޔާބުވީ އެ އެމަނިކުފާނު ޖަލުގައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށް ލެވިދާނެ ކަމަށެވެ. އެކަމަލި މީގެ ކުރިން ކުރި ހުކުމްތައް ވެސް ބާތިލުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން މިހާރު ފޯރުވާ ނުފޫޒާއެކު ވެސް މިހާރު ކޮށްފައިވާ ދައުވާ ސާބިތު ނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.