Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ޓްރެފިކް ގަވައިދުތައް ރަނގަޅަށް ތަންފީޒެއް ނުކުރެވޭ

އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އިހުމާލުވެފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާޔީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވައި އޭނަ ވިދާޅުވީ. އެފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެ ގޮތްތައް އިދާރާތަކުން ހޯދަން ޖެހޭ ކަމަށެވެ.

"މި ވާހަކަ ތަކުރާރުކޮށް ވާނެ ދިވެހި ފުލުހުންނާ އެކީގައި މަޖިލީހުގައި ބޭއްވި ކޮމިޓީ ބައްދަލުވުންތަކުގައި ސަމާލުކަމަށް ގެނެސްފައި،" ނާޒިލު ވިދާޅުވި އެވެ. "އެހެން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ފުލުހުންގެ އިދާރާއިން ވެސް މިކަމަށް އެއްވެސް ކަހަލަ އަހަންމިއްޔަތު ކަމެއް ދޭތަނެއް ނުފެނޭ."

އޭނަ ވިދާޅުވީ ރާއްޖޭގެ ގަވާއިދުތައް އޮންނަ ގޮތުން ވެހިކަލް ދުއްވަން ޖެހެނީ މަގުގެ ވާތް ފަރާތުން ކަމަށާއި ނަމަވެސް ފަހަކަށް އައިސް ކަނާތް ފަރާތުން ވެހިކަލް ދުއްވުން އިތުރުވެ، އެކްސިޑެންޓުތައް ގިނަވަމިންދާ ކަމަށެވެ.

"މަގު މެދުގައި ޓްރެފިކް ކަންކަން ބަލަހައްޓަން ހުންނަ ފުލުސް ކުއްޖާ ވެސް، ގައިގެ ކައިރިން ލާފައި، ނުބައި ފަޅިން އުޅަނދު ދުއްވާފައި ދާއިރު ވެސް ނުބުނޭ އަނެއް ފަޅިން ދުއްވާށެކޭ ވެސް. ހުއްޓުވާފައި ކުރަން ޖެހޭ ކަންކަން އެއީ." ނާޒިލް ވިދާޅުވި އެވެ.

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެ، އެ ކުއްޖާ ދުއްވި ސައިކަލުން ޖެހުނު 40 އަހަރުގެ މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.