Last Updated: July 15, 06:03
Tuesday, July 15, 2025
މުނިފޫހިފިލުވުން

ނިކިލްގެ އާ ސީރީޒެއް އެމެޒޯން ޕްރައިމަށް

ބޮލީވުޑްގެ ޑައިރެކްޓަރު ނިކިލް އަދުވާނީ އަނެއްކާ ވެސް ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

އަންނަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒްގެ ނަމަކީ "ރިވޮލިއުޝަނަރީސް: ދި އަދާ ސްޓޯރީ އޮފް ހައު އިންޑިއާ ވޮން އިޓްސް ފްރީޑަމް" އެވެ.

އިންޑިއާ އަށް އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ހާދިސާތަކެއް ދައްކުވައި ދޭނެ ސީރީޒްގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޒުވާން ފަންނާނުންތަކެކެވެ. އޭގެ ތެރޭގައި ރޯހިތު ސަރަފާއި އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ މިދިޔަ އަހަރު ގެނެސްދިން "ލާޕަތާ ލޭޑީސް" އިން ވިދާލި ބަތަލާ، ޕްރަތިބާ ރަތުނާ އާއި ގުރްފަތޭ ޕިރްޒާދާގެ އިތުރުން ބުވަން ބަމް ހިމެނެ އެވެ.

މީގެ އިތުރުން "ރިވޮލިއުޝަނަރީސް" ގެ މުހިއްމު ރޯލަކުން ޖޭސަން ޝާހް ވެސް ފެންނާނެ އެވެ.

މި ސީރީޒްގެ ފަސްޓްލުކް ޓީޒާ މިއަދު ދައްކައިލި ނަމަވެސް އަންނަ އަހަރު ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނީ ކިހާ ތާކު ކަމެއް ހާމައެެއް ނުކުރެ އެވެ.

ނިކިލް ކުރިން ގެނެސްދީފައިވާ ސީރީޒްތަކުގެ ތެރޭގައި "ފްރީޑަމް އެޓް މިޑްނައިޓް" އާއި "ރޮކެޓް ބޯއިސް" އަދި "ދި އެމްޕަޔާ" ހިމެނެ އެވެ.

އޭނަ ޑައިރެކްޓްކުރި އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2003 ގެ "ކަލް ހޯ ނަ ހޯ" އެވެ. ނިކިލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ވޭދާ" އެވެ.