Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ޕަބްލިކް ވޯކްސް ޔުނިޓުތައް 14 ރަށެއްގައި ގާއިމުކުރަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޔުނިޓްތައް ޤާއިމު ކުރުމަަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ރަށްތައް ކަނޑައެޅުމަށްފަހު މިއަދު އިޢުލާންކޮށްފި އެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރު ޕަބްލިކް ވާރކްސްގެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި ޔުނިޓްތައް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ޕަބްލިކް ވާރކްސްގެ ޔުނިޓުތައް ޤާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި ގައި ކަމަށެވެ.

މި ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށް ކަމުގައިވެސް މިނިސްޓަރގެ އެކްސް ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި ޔުނިޓްތައް ޤާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް މިނިސްޓްރީއިން ކުރަމުން އަންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.