ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރޫން ދަވަނާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަށް އާ ތާރީހެއް މިއަދު އިއުލާންކޮށްފި އެވެ.
އެ ފިލްމުގައި ވަރޫން އާއި ޖާންވީ ފެން ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރުތަކަކާ އެކު ބުނީ ފިލްމު ސިނަމާތަކަށް ގެންނާނީ އޮކްޓޯބަރު 2 ގައި ކަމަށެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމު އެންމެ ފުރަތަމަ މި އަހަރުގެ އެޕްރީލަށް ތާވަލުކުރި ފިލްމެކެވެ. އޭގެ ފަހުން މި އަހަރުގެ ސެޕްޓެމްބަރު 12 އަށް ވެސް ފިލްމު ތާވަލުކުރި އެވެ.
ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށްފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އިން ވަރޫން އާއި ޖާންވީއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި ސާނިއާ މަލްއުތުރާ އާއި ރޯހިތު ސަރަފާއި މަނީޝް ޕޯލް އާއި އަކްޝޭ އޮބެރޯއީ ހިމެނެ އެވެ.
ވަރޫން އާއި ޖާންވީ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ނިތޭޝް ތިވާރީ 2023 ގައި ގެނެސްދިން "ބަވާލް" އެވެ.
"ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަކީ 2018 ގެ "ދަޅަކް" އިން ޖާންވީ ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ޝިޝާންކް އޭނައާ އެކު ހެދި ދެވަނަ ފިލްމެވެ. ޝިޝާންކްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި ވިކީ ކޯޝަލާއި ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕިޑްނޭކަރާ އެކު ގެނެސްދިން "ގޯވިންދާ ނާމް މޭރާ" އެވެ.
"ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަކީ ވަރޫންއާ އެކު ޝިޝާންކް މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. އޭނަގެ 2014 ގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި 2017 ގެ "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ ބަތަލަކީ ވަރޫން އެވެ.