Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ހިލޭ ޑިގްރީ އަށް އަހަރުގެ މިހާތަނަށް 85 މިލިއަން

ހިލޭ ޑިގްރީ ސްކީމްގެ ދަށުން މި އަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެތަނުން މިއަދު ބުނީ މި މަހުގެ 10 ގެ ނިޔަކަށް ހިލޭ ޑިގްރީ ސްކީމްގެ، ދަށުން ޖުމްލަ 85،478،150.89ރ. ދޫކޮށްފައިވާ ކަމަށެވެ.

މި އަހަރު ހިލޭ ޑިގްރީ ސްކީމަށް ޖުމްލަ 1،168 ދަރިވަރުން ރަޖިސްޓްރީވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 704 އަންހެން ދަރިވަރުންނާއި 464 ފިރިހެން ދަރިވަރުންނެވެ.

އަދި އަހަރުގެ މިހާތަނަށް ގްރޭޖުއޭޓްވި ދަރިވަރުންގެ އަދަދަކީ 2،068 އެވެ. އެއީ 1،355 އަންހެން ދަރިވަރުންނާއި 713 ފިރިހެން ދަރިވަރުންނެވެ.

ހިލޭ ޑިގްރީ ސްކީމްގެ ދަށުން މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 3،888 ދަރިވަރުން ރަޖިސްޓްރީވެފައެވެ. އަދި އެ ސްކީމްގެ ދަށުން ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން 5،412 ދަރިވަރުން މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް ގްރޭޖުއޭޓްވެފައިވެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު 8،086 ދަރިވަރުން ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުން ދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 5،047 އަންހެން ދަރިވަރުންނާއި 3،039 ފިރިހެން ދަރިވަރުންނެވެ.