"ފްރެންޑްސް" ސިޓްކޮމުން ވިދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން އާ ލޯބިވެރިޔަކު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ކުރިން ދެ ކައިވެންޏެއްކޮށްފައިވާ 56 އަހަރުގެ ބަތަލާގެ އާ ބައިވެރިޔަކީ ހިޕްނޮޓިސްޓެއް ކަމަށްވާ ޖިމް ކާޓިސް ކަމަށެވެ. އީ!ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެނިސްޓަނާއި ޖިމް އެކީގައި އެންމެ ފުރަތަމަ ފެނިފައި ވަނީ މި މަހުގެ 7 ގައި ސްޕެއިނުންނެވެ. އެއީ އެނިސްޓަންގެ ޒަމާންވީ ގާތް އެކުވެރިއެެއް ކަމަށްވާ ޖޭސަން ބޭޓްމަން އާއި އޭނަގެ އަންހެނުން އެމަންޑާ އަންކާއާ އެކު ސްޕައިނަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގަ އެވެ.
އެގޮތުން އެ ދަތުރުގެ ތެރޭގައި އެނިސްޓަނާ އެކީ ވަރަށް ގައިގޯޅިކޮށް ޖިމް ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ފެންނަ ފެނުމަށް ބަލާ އިރު، ގާތް އެކުވެރި ކަމަކަށް ވުރެ ގާތް ގުޅުމެއް އެ ދެ މީހުންގެ މެދުގައި މިހާރު އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި އެނިސްޓަން ބުނެފައިވާ ގޮތުގައި މަތިންދާބޯޓްގައި ދަތުރު ކުރުމަކީ އޭނަ ވަރަށް ބިރުގަންނަ، ޖެހިލުންވާ ކަމެކެވެ. އެހެންވެ އެ ބިރު ކަނޑުވައިލަން ހިޕްނޮސިސް އަށް ތެރަޕީ ނަގަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އެނިސްޓަންގެ އެ ވާހަކައާ ގުޅުވައި މީޑިއާތަކުން މިހާރު ލަފާކުރާ ގޮތުގައި އެނިސްޓަނާއި ޖިމްއާ ދެމެދު ހާއްސަ ގުޅުމެއް އުފެދުނީ އެ މެޑިޓޭޝަންގެ ތެރެއިންނެވެ. އެގޮތުން ޖިމް އަކީ ހިޕްނޮސިސް އަށް ފަރުވާކޮށް ދޭ މީހަކަށްވާތީ، އެކަމުން އޭނަ އަށް ވަރަށް ބޮޑަށް އަރައިގަނެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެނިސްޓަން އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި ދެމިއޮތީ 2005 އާ ހަމައަށެވެ. އޭގެ ފަހުން އެނިސްޓަން ކައިވެނިކުރީ އެކްޓަރު ޖަސްޓިން ތެރޯޒް އެވެ. ދެހާސް އެގާރައިގައި ކުރި ކައިވެނި ރޫޅައިލީ 2017 ގަ އެވެ.
ދެ ކައިވެންޏަށް ވެސް އެނިސްޓަނަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.