Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ފުރަތަމަ ހަ މަސްތެރޭ 1000އަށް ވުރެ ގިނަ އެކްސިޑެންޓު

މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ 1101 މަގުމަތީ އެކްސިޑެންޓު މާލޭ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވަނީ ޖެނުއަރީ 1، އިން ޖޫން 30، އާއި ހަމައަށް މާލެ ސިޓީ، ސިނަމާލެ ބުރިޖު، އަދި މާލެ، ހުޅުލެ، އަދި ހުޅުމާލެއާއި ދެމެދު އޮންނަ ހައިވޭގައި ހިންގާފައިވާ އެކްސިޑެންޓުތަކެވެ.

މި އަހަރު އެންމެ ގިނަ އެކްސިޑެންޓުތައް ރިޕޯޓުކޮށްފައި ވަނީ ފެބްރުއަރީ މަހު އެވެ. އެ މަހު 215 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު މެއި މަހު 207 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެ އެވެ. އަދި މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައި ވަނީ 180 އެކްސިޑެންޓެވެ.

ފުލުހުން ވަނީ އެންމެ ގިނައިން ހިނގާ ބާވަތްތަކުގެ އެކްސިޑެންޓުތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން އެންމެ ގިނައިން އެކްސިޑެންޓުވާ ކަމަށް ފާހަގަކޮށްފައިވަނީ ސައިކަލާއި ކާރެވެ. މި މުއްދަތުގައި އެފަދަ 295 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެ އެވެ. ދެން އެންމެ ގިނައީ ސައިކަލާއި ސައިކަލު ޖެހި ހިނގާފައިވާ އެކްސިޑެންޓެވެ. އެފަދަ 267 އެކްސިޑެންޓެއް ހިނގާފައިވެ އެވެ.

މީގެއިތުރުން، މީހެއް ނުވަތަ އުޅަނދެއްގައި ޖެހުމުން މަޑުނުކޮށް ދިއުމުގެ 91 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި ދެ ކާރު ޖެހި ހިނގި 89 އެކްސިޑެންޓު އަދި ސައިކަލާއި ޕިކަޕު ޖެހިގެން ހިނގި 59 އެކްސިޑެންޓެއް ފުލުހުންނަށް މި ހަ މަސް ދުވަހުގެ ތެރޭ ރިޕޯޓުކޮށްފައިވެ އެވެ.

ފުލުހުން ވަނީ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެންމެން ވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަގުތައް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެދިފަ އެވެ.