Last Updated: July 15, 06:03
Tuesday, July 15, 2025
ޚަބަރު

ފްލެޓް އެއްބަސްވުމުގައި އަންނަ ހަފްތާގައި ސޮއިކުރަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއި ކުރަން ފަށާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ އަހާ ފޯރަމްގެ މިރޭގެ އެޕިސޯޑުގައި ވާހަކަދައްކަމުން މުއްތަލިބް ވިދާޅުވީ މި މަސް ތެރޭގައި އެގްރީމަންޓުގެ ސޮއިކުރުމާ ހަމައަށް ދެވޭނެކަމަށް ވިދާޅުވެފައިވާނެ ކަމަށާއި ފްލެޓް ލިސްޓުގެ ވެރިފިކޭޝަންގެ މަސައްކަތް މިހާރު ކުރަމުންދަނީ، ނިމިފައި ހުރި ފްލެޓްތައް ލިބިފައިވާކަމަށް ބަޔާންކުރާ ފަރާތްތަކަށް އިސްކަންދެއްވައިގެން ކަމަށެވެ. ލިސްޓުގެ މަސައްކަތް މިހާރު ނިންމާލެވިފައިވީ ނަމަވެސް ކުރަންޖެހޭ އިދާރީ ބައެއް މަސައްކަތް ހުރީތީ، އެކަންކަން މިހާރު ކުރަމުންދާކަމަށް ވިދާޅުވި އެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން، އެފްޑީސީން ހަދާފައިވާ އެއްބަސްވުން އޮތީ ވުޒާރާއިން ވެސް އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަދި ކަމާ ބެހޭ އެހެން އިދާރާތަކުން ވެސް ވެޓްކޮށްފައިނޫންކަން ހާމަވި ކަމަށާއި މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިގެން އެގްރީމަންޓް ފައިނަލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއް ވެސް ހަމަޖައްސައި އަންނަ ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް އެގްރިމަންޓުތަކުގައި ސޮއިކުރަން ފެށޭވަރުވާނެ ކަމަށް. މިހާރު އަޅުގަނޑުމެންނަށް ތަނެއް ކަނޑައެޅި، ޓެންޓު ޖެހުމުގެ މަސައްކަތާއި އަދި އެކަމަށް ބޭނުންވާ އިދާރީ އެހެނިހެން މުވައްޒަފުންނާއި އެހެނިހެން ކަންތައްތަކުގެ މަސައްކަތް އެފްޑީސީން އެބަ ކުރައްވާ،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވަނީ 4000 މީހުންނާއެކު އެގްރީމަންޓެއް ހެދުމަކީ ބޮޑު، ބުރަ މަސައްކަތެއް ކަމަށާއި ފަސޭހަކަމާއެކު އެކަން ކުރެވޭނެ ތަނަކާއި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.