Last Updated: July 16, 12:04
Wednesday, July 16, 2025
ޚަބަރު

އިންޓަލެކްޗްއަލް ޕްރޮޕަޓީގެ ނަމުގައި އޮފީހެއް ހަދަނީ

ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށް، 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' އޮފީހެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.

އެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދެވެ.

އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމަށް ހިތްވަރުދީ އެ ދާއިރާ ކުރިއެރުވުމެވެ. އަދި އެތަނުގެ ބޭނުމަކީ ގައުމުގެ އިގްތިސޯދީ ތަރައްގީ އަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުގެ އައު އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން ކަމަށް ބިލްމުގައި ބުނެފައިވެ އެވެ.

މި ބިލު ފާސްކުރާ ހިސާބުން 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނޫ' ވުޖޫދުވާނެ އެވެ.

އެ ގާނޫނުގެ ދަށުން އުފެދޭ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އެންމެ އިސް ވެރިއަކަށް ހުންނާނީ ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ އެވެ. އަދި އެ މަގާމުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުން ކަމަށް ވެސް ބިލުގައިވެ އެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަންކޮށް، ވަކިކުރުމުގެ ބާރު ވެސް އޮންނާނީ މިނިސްޓަރަށެވެ.

ބިލުގައި ފިކުރީ މުދަލުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަ ލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތްތަކުގެ ފިކުރީ މުދަލަށެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެ އެވެ.