ފަންނާނުންނަށް ދޭން ނިންމާފައިވާ މާލީ އެހީ އަންނަ މަހު ދޭން ފަށާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި ރައީސް އޮފީސް ގުޅިގެން ކުރިއަށްދާ ގެންދާ "އަހާ" ފޯރަމްގައި ރޭ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ފަންނާނުންނަށް ދޭން ނިންމާފައިވާ 25 މިލިއަން ރުފިޔާގެ ހިލޭ އެހީ، އަންނަ މަހުން ފެށިގެން ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅޢ މަސައްކަތްތައް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
"ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާގެ ފުރަތަމަ ބެޗު ފަށަން އުންމީދު ކުރަނީ އޮގަސްޓުގައި. އެކަމަށް އުސޫލުތައް ތައްޔާރު ކުރެވިއްޖެ. އެކަން މިކުރަނީ ޕޯޓަލްއެއް މެދުވެރިކޮށް،" މިނިސްޓަރު ވިދާޅުވި އެވެ. "ޕޯޓަލް ހެދުމަށް ވަގުތުކޮޅެއް ނަގާނެ. އޭގައި ހުންނަ ބަގްސް އަޅުގަނޑުމެން ފިލުވަން ޖެހޭނެ. ޓެސްޓްކުރަން ޖެހޭނެ."
އޭނަ ވިދާޅުވީ ރާއްޖޭގެ ފަންނާނުންގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އޮލިމްޕަސް ވެސް މިވަގުތު ފަންނާނުންނަށް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ޕްރޮޑަކްޝަން ހައުސް ހުޅުވާލައި، ފަންނާނުންނަށް އެތަނުގެ ބޭނުން ހިފޭނެ ގޮތަށް ތަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފަންނާނުންނަށް ހިލޭ މާހީ އެހީ ދޭން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރު ޖުލައި މަހު، އާޓް ގެލަރީގައި ބޭއްވި "އަންވެއިލިން ވިޝަން" އެގްޒިބިޝަންގެ ތެރޭގަ އެވެ.