Last Updated: July 17, 23:49
Thursday, July 17, 2025
ދުނިޔެ

މެޓަ އިން އޭއައި ޑޭޓާ ސެންޓަރުތަކެއް ހަދަނީ

މެޓަގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ހަރަދުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތަކެއް އެމެރިކާގައި ގާއިމު ކުރަން ނިންމާފައިވާ ކަމަށް ކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވެއްޖެ އެވެ.

ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕާއި މެސެންްޖާ ފަދަ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގަމުން އަންނަ މެޓަގެ ވެރިޔާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފުރަތަމަ އޭއައި ޑޭޓާ ސެންޓަރު އޮހައިއޯގެ ނިއު އަލްބޭނީގައި ގާއިމުކޮށް އަންނަ އަހަރު އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.

އެތައް މިލިއަން ގިގަވޮޓް ޑޭޓާ ރައްކާ ކުރެވޭ އެ ސެންޓަރަށް ކިޔަން ނިންމާފައި ވަނީ "ޕްރޮމީތިއަސް" އެވެ.

ޒަކަބާގް ވިދާޅުވި ގޮތުގައި ކްލަސްޓާތަކެއް ހިމެނޭ ގޮތަށް ގާއިމުކުރާ އޭއައި ޑޭޓާ ސެންޓަރުތައް ވާނީ "ސުޕައިންޓެލިޖެންސް" ޓެކްނޮލޮޖީ އަށް ބަރޯސާވާނެ ތަންތަނަށް ކަމަށެވެ. އެގޮތުން މެންހަޓަން އާއި ލޫސިއާނާގައި ވެސް ސެންޓަރުތައް ގާއިމުކޮށް 2030 ގައި އެތަންތަން ފުރިހަމަ އޮންލައިން އޮޕަރޭޝަންތަކަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

"މިކަމަށް އަހަރެމެން އެތައް ސަތޭކަ ބިލިއަން ޑޮލަރެއް އިންވެސްޓް ކުރާނަން." ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ޒަކަބާގް ވިދާޅުވި އެވެ.

އޮންލައިން އިޝްތިހާރުތަކުން ބޮޑު އާމްދަނީއެއް ވަންނަ މެޓަ އަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 160 ބިލިއަން ޑޮލަރަށް ވުރެ ބޮޑ އާމްދަނީއެއް ލިބިފައިވެ އެވެ.