Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ގިރާވަރުފަޅު ހިއްކަންވި އެއްބަސްވުން ބާތިލު ކުރަނީ

ގިރާވަރުފަޅު ހިއްކަން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން ބާތިލު ކުތަން އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ގިރާވަރުފަޅު ހިއްކަން އެއްބަސްވުމެއް ހެދޯ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާއާ ދެމެދުއެވެ.

ރޭގެ "އަހާ' ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމަށްޓަކައި ކުރީ ސަރުކާރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އިތުރަށް މަސައްކަތް ކުރުމަށްޓަކައި އިތުރަށް ފައިސާ ދިނުމަށް ޑިމާންޑްކުރި ކަމަށާއި އިތުރު 15 މިލިޔަން ޑޮލަރު ވެސް ސަރުކާރުން އެކުންފުންޏަށް ދެއްކިކަމަށެވެ.

އެގޮތުން ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވެއެވެ. އެކަމަކު ހިއްކާފައި އޮތީ އެންމެ 60 ހެކްޓަރުގެ ބިން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިފަދަ އެތަކެއް މައްސަލަތަކެއް ހުރުމާއި ގިރާވަރުން އަވަހަށް ގޯތި ދިނުމަށްޓަކައި އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އޭޖީ އޮފީހުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އެގްރީމަންޓް ހަދާފައި އޮތީ ސަރުކާރަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަކަށް ކަމަށާއި މިހާރު ވެސް އެކުންފުންޏަށް 35 މިލިޔަން ޑޮލަރު ދީފައި އޮތުމުން ސަރުކާރުން މަސައްކަތް ކުރަނީ އިތުރަށް ބަދަލެއް ނުދީ އެއްބަސްވުން ބާޠިލްކުރެވޭނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރިއަށް ބަލާއިރު ވެސް އެ ކޮންޓްރެކްޓަރަކީ އަބަދުވެސް ކޮންޓްރެކްޓް ބާޠިލް ކުރުމުގެ ވިސްނުން ގެންގުޅޭ ކުންފުންޏެއް. ކޮންޓްރެކްޓް ބާޠިލު ކުރުމަށް ފަހު އާބިޓްރޭޝަން އަށް ގޮސްގެން ބޮޑެތި ބަދަލުތައް ހޯދާ، މުއްތަލިބް ވިދާޅުވި އެވެ. އަޅުގަނޑުމެން ވިސްނަން ޖެހޭ އެގްރީމަންޓް ބާޠިލްކުރާއިރު އުޞޫލްގެ ތެރެއިން ވީހާވެސް ރަނގަޅަށް އެކަން ކުރުމަށް."

އޭނަ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއްބަސްވުން ބާޠިލު ކުރެވުނުހާ އަވަހަކަށް ގިރާވަރުން ގޯތި ދިނުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ.

ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކަން ހަމަޖެހިފައި އޮތް އިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރު ކުރަން ރައީސް ރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވެ އެވެ.