އޮސްޓްރޭލިއާގެ "ލެކްޓޭލިސް ޖިންޑީ" ކުންފުނިން އުފައްދާ ބައެއް ބާވަތްތަކުގެ ޗީޒްގައި "ލިސްޓީރިއާ" ނަމަކަށް ކިޔާ ޖަރާސީމު ހުރި ކަމަށް ޑަބްލިއުއެޗްއޯ އިން އަންގާފައިވާތީ އެ ބްރޭންޑުގެ ޗީޒް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭ އިން ބުނީ އެ ކުންފުނިން އުފައްދާފައިވާ ބައެއް ޗީޒް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ވެސް ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ބާވަތުގެ ޗީޒްގައި "ލިސްޓީރިއާ" ނަމަކަށް ކިޔާ ޖަރާސީމު ހުރިކަމަށް ޑަބްލިއުއެޗްއޯ އިން އަންގާފައިވާތީ އެ ބާވަތުގެ ޗީޒް އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ވަނީ އަންގައިފަ އެވެ.
އަދި "ޖިންޑީ" ޗީޒް ހުރި ނަމަ އެ ތަކެތި ނައްތާލުމަށް އެމްއެފްޑީއޭ އާ ހަވާލު ކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ.
"ޖިންޑީ" ޗީޒް ކެއުމުގެ ސަބަބުން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަދި ރާއްޖެ އަށް އެތެރެ ކުރެވިފައިވާ އެ ބްރޭންޑްގެ ޗީޒް ޑިސްޓްރިބިއުޓް ކުރެވިފައިވާ ތަންތަނަކީ ކޮބައިތޯ ބަލައި އެތަންތަނުން އެތަކެތި ނެގުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.