Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ރުއްތަކުގެ ޕެސްޓް ކޮންޓްރޯލް ކުރަން އެއްބަސްވުމެއް

ދިވެހި ރުއްތަކަަށް ކުރިމަތިވާ ޕެސްޓް ކޮންޓްރޯލް ކުރުމުގައި އެހީތެރިކަންފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި އެގްރިކަލްޗަ މިނިސްޓްރީން ޗައިނާއާ އެކު ސޮއިކޮށްފި އެވެ.

މިނިސްޓްރީގެ ފަރާތުން މިއަދު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ކޮންގް ޝިއަންހުއާ އެވެ.

ޗައިނާ ސަރުކާރާއި މިނިސްޓްރީން އިއްތިފާޤުވެގެން އެކުލަވާލެވިފައިވާ، މި ޕްރޮޖެކްޓް މައިގަނޑުކޮށް ބިނާކުރެވޭ އަސާސްތަކަކީ، ރާއްޖެ އާއި ޗައިނާއިން ސެޕްޓެމްބަރު 2، 2019ގައި ސޮއިކޮށްފައިވާ 'އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން' އަދި ޖެނުއަރި 10، 2024 ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވުމެވެ.

ދެ އަހަރުގެ ދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުގެ ފޯކްސް އަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް ވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުކެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލް ކުރުމެވެ.