Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވަން ފަށައިފި

ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ކުރިމަތިލި ޒުވާނުންގެ ތެރެއިން މީގެ ފުރަތަމަ ބެޗަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގެ މަސައްކަތް މިއަދު ފެށި އިރު، ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ އައްޑޫ ހިތަދު އާއި ކުޅުދުއްފުއްޓާއި އދ. މަހިބަދޫގެ އިތުރުން ލ. ގަމުގައި ކަމަށެވެ.

މި މަރުޙަލާގައި ބައިވެރިންނާ އިންޓަވިއު ކުރުމާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ފުރިހަމަ ކުރާނެ އެވެ.

ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވަން ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރމމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލާން އެޕްރީލް މަހުގެ ތެރޭގައި ހުޅުވައިލުމުން 1،244 ޒުވާނުން ކުރިމަތިލާފައިވެ އެވެ.