މިހާރު ވިޒިޓް މޯލްޑިވްސް އަށް ނަން ބަދަލުކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ފައިދާވެއްޖެ އެވެ.
މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 27 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން ޖުމްލަ 27،490،370ރ. ފައިދާއެއް ލިބިފައިވާ އިރު، މިއީ އޭގެ ކުރީގެ ހަތަރު އަހަރުގެ ތެރޭގައި ކުންފުންޏަށް ފައިދާވި ފުރަތަމަ އަހަރެވެ.
ދެހާސް ތޭވިހުގައި އަހަރު އެމްއެމްޕީއާރުސީ އަށް 17،997،662 ރުފިޔާގެ ގެއްލުމެއްވި އެވެ.
އެ ކުންފުނިން ބުނީ ވޭތު ވެދިޔަ އަހަރުގެތެރޭގައި މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް ބުންޏެވެ.
ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން އެންމެ 6 އިދާރާއަށް ސްޓްރެޓެޖިކް ގޮތެއްގައި ދަށްކޮށް، ކޯޕަރޭޝަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފައިވެ އެވެ. އަދި ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓް އާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކޯޕަރޭޝަނުން ގެންގުޅުނު އުސޫލު ވަނީ އަލުން އެކުލަވާލައިފައެވެ.
އެހެންވެ އަދަދު މިހާރު ހުރީ 34 ޕަސެންޓްގަ އެވެ.
މީގެ އިތުރުން ބޮޑު އިވެންޓުތަކުން އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ މިދިޔަ އަހަރު ސަލާމަތްކޮށްފައިވެ އެވެ.
ވިޒިޓް މޯލްޑިވްސް އޮން ބުނީ ޑެސްޓިނޭޝަން މާކެޓިންގައި 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުން އަންނަ އިރު، އެންމެ ގިނަ ޓޫރިސްޓުން މިހާރު އަންނަ ގައުމަށް ބަލާ އިރު، މިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.