Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ކްރެޑިޓް ނަގަން އުޅޭނީ ކުޑަކުދިން، އެހެން އުޅޭކަށް ނުވާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އާ ޓާމިނަލް މަސައްކަތުގެ ކްރެޑިޓް ނަގަން އުޅުމަކީ ކުޑަކުދިން އުޅޭ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ ބޮޑެތި މަސައްކަތްތައް ކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވީއައިއޭގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިއަދު ވިދާޅުވީ އާ ޓާމިނަލްގެ ކުރެޑިޓް ހައްގުވާ ފަރާތާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ވަރަށް ބޭކާރު ބަހުސެއް ކަމަށާއި އެއާޕޯޓް މަސައްކަތަކީ ވަރަށް ގިނަ ވެރިންގެ ބުރަ މަސައްކަތް ކަމަށެވެ.

"މިހާރުގެ މި އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނީ. ދެން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިތުރު މަސައްކަތްތަކެއް ކުރެވިފައި އެހެރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ދެން ބާކީ ހުރި ހުރިހާ މަސައްކަތެއް މި ނިންމީ. ގާތްގަނޑަކަށް ދޮޅު އަހަރު ތެރޭ. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ފެންނާނެތާ ދެން ކޮން މަސައްކަތެއް ކޮން ވެރިކަމެއްގައި ކިހާވަރަކަށް ކަން ކުރެވުނީ. ދެން މިކަމުގައި ނުޖެހޭނޫންތޯ ކޮންމެ މީހަކު ތިމަންނައޭ ހުރިހާކަމެއް ކުރީ، ތިމަންނައޭ ގިނަ މަސައްކަތެއް ކުރީ ކިޔާކަށް. އެއީ ކުޑަކުދިން އުޅޭގޮތް، އެހެން އުޅޭކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ނިމިފައި ހުރީ ޓާމިލަންގެ 54 ޕަސެންޓް ކަމަށާއި ޑިއުޓީ ފްރީ އާއި ކޮމާޝަލް އޭރިޔާވެސް ނެތް ކަމަށެވެ. އެތަންތަން ހަދަން ހަވާލުކޮށްފައި ވެސް ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެންމެ ފުރަތަމަ ބޭނުންވީ މިދިޔަ އޮކްޓޯބަރު މަހަށް ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވަން ކަމަށާއި ނަމަވެސް ދިމާވި އެކި ހުރަސްތަކާ އެކު މަސައްކަތް މި ނިމެނީ މިނިވަން ދުވަހަށް ކަމަށް ވިދާޅުވި އެވެ.