Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ހުޅުލޭ ޕާކިންގައި ޕާކުކުރުން ވަގުތީ ގޮތުން މަނާކުރަނީ

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކްކުރުން ވަގުތީ ގޮތުން މަނާކުރަން ނިންމައިފި އެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިރުމަތީ ފަރާތު ޕާކިން ޒޯންގައި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކުކުރުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެ ތާރީހުގެ ކުރިން އެ ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.

އެމްއޭސީއެލް އިން ބުނީ ހުޅަނގު ފަރާތު ޕާކިން ޒޯންގައި 17 ވަނަ ދުވަހުގެ 18:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ތާރީހަށްފަހު ފުލުހުންނާއި ގުޅިގެން އެ ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރެވޭނެ ކަމަށާއި އަދި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

އެމްއޭސީއެލް އިން ވަނީ އެ ބަދަލާ ގުޅިގެން އެ ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފަ އެވެ.