ވެރިކަން ބަދަލުވި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލްގެ މުހިއްމު މަސައްކަތްތައް ހުންނާނީ ހަވާލުކޮށްފައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވެފައިވާއިރު ޓާމިނަލުގެ ގިނަ މަސައްކަތްތައް ކުރީ ސަރުކާރުން ހަވާލު ނުކޮށް ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރައީސް މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށާއި މި ސަރުކާރު އައިސް އަލަށް ހަވާލު ކުރަން ޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ.
"ހުރިހާ 'ކްރިޓިކަލް' މަސައްކަތްތައް ހުންނާނީ އެވޯޑް ކޮށްފައި. މިސާލަކަށް ކައުންޓަރުން ބޯޑިން ދޫކުރާއިރު، ޓިކެޓިން ސޮފްޓްވެއާ ހުރެދާނެ ހަވާލުނުކޮށް. އެއީ ކްރިޓިކަލް ކަމެއް ނޫން،" އަމީރު ވިދާޅުވި އެވެ.
އާ ޓާމިނަލް އޮކްޓޯބަރު 2024 ގައި ހުޅުވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި ކަމަށާއި ނަމަވެސް އޭރުވެސް އެ ތާރީހުގައި ޓާމިނަލް ނުހުޅުވޭނެ ކަމަށް ބުނަމުންދިޔަ ކަމަށް އަމީރު ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އިން ގޮތަށް މިހާރުވެސް ތި ނިމިގެން ދަނީ. ދެން މަނިކުފާނު އައިސް ހަވާލުކޮށްގެން އަވަސްކުރަން ޖެހުނީ ކޮންކަމެއް. ދޮގު ހެދިޔަސް ތީ ބޮޑުވަރު،" އަމީރު ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.