އދ. މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ނިޔާވި 15 އަހަރުގެ ކުއްޖާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ޚަބަރެއް ކަމަށެވެ.
"މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި. އެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން،" ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރުގެ ވަގުތެއްގައި މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލައެއް ރޭ 19:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި ރަށު ރައްޔިތުން ކުރި އެވެ.
އެ މަސައްކަތުން ރޭ އެ ކުއްޖާ ފެނުނީ މާމިގިލީ ބޭރުން ކަމަށާއި ކުއްޖާ ގެންދިޔައީ މާމިގިލީ ސިއްހީ މަރުކަޒަށް ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.