ރާއްޖޭގައި "ކައްޒާބު" އެ ބަސް ބޭނުން ކުރަން ފެށުނީ 2023 ގެ ފަހުން ކަމަށް ވިދާޅުވެ، އެކަން އެގޮތަށް ވާން ޖެހުނު ސަބަބުތަކުގެ ލިސްޓެއް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހިއްސާކުރައްވައިފި އެވެ.
އޭނަގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކުރެއްވި ލިސްޓާ އެކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯތަކެއް ބޭނުން ކުރައްވާފައިވާތީ "ކައްޒާބު" އެ ބަސް ރައްދު ވަނީ މިހާރު ރައީސަށް ކަމަށް ޖަމީލުގެ ޕޯސްޓުން ދޭހަވެ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ 2023 ގަ އެވެ.
ރައީސް ވެރިކަމުގެ ހުވާ ކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ
ޖަމީލު ވަނީ އޭގެ ފަހުން ރާއްޖޭގައި "ކައްޒާބު" އެ ބަސް ބޭނުން ކުރަން ފެށުނު 10 ސަބަބެއް ލިސްޓް ކުރައްވައިފަ އެވެ.
1. ކުރީގެ ރައީސް [އިބްރާހީމް މުހައްމަދު ސޯލިހު] އިބޫ އަށް ޗޯރު ގޮވަމުން ވެރިކަން ލިބުމުން ވައްކަން މުޅި ދައުލަތުގެ ތެރޭ ޢާންމުކުރުމުން
2. ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރާނަމޭ ކިޔައި ދޮގު ހެދުމުން
3. ޗާގޯސް ހޯދަނީއޭ ކިޔައި ދޮގު ހެދުމުން
4. ދޮންމަންމަގެ ތަރިކަ މުދާ ޖަހައިގަނެ ދޮގު ހެދުމުން
5. އިންޑިއާ އައުޓޭ ކިޔައި ހެދި ދޮގުތަކުން
6. ވަޢުދުތައްވެ އެންމެ ވަޢުދެއް ވެސް ނުފުއްދައި ދޮގު ހެދުމުން
7. ގްރީން ސިގްނަލޭ ކިޔައި ހެދި ދޮގުން
8. ޑޮލަރު އެހެރީ ހިފެހެއްޓިފައޭ ކިޔައި ހެދި ދޮގުން
9. ފްލެޓްތަކޭ ކިޔައި ހެދި ދޮގުން
10. ކޯޓްތަކަށް އަތް ބޭނުން ނިމުނީއޭ ކިޔާ ހެދި ދޮގުން
މިދިޔަ އަހަރުގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓަކު "ކައްޒާބު" އޭ ބުނެ ކުރި ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން އެއީ ކާކުތޯ ބަލަން އޭނަ ޕޮލިހަށް ހާޒިރުކޮށްފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން އެކްޓިވިސްޓަށް ފުލުހުން ކުރި ތުހުމަތުތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ފަދަ ބިރެއް ކުރިމަތި ކުރުމުގެ ކުށާއި ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެ ނޫން ވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށް ދިނުމުގެ ކުށުގެ ތުހުމަތު ހިމެނެ އެވެ.