ރާއްޖެ އަންނަ ފަސިންޖަރުންނަށް ރާއްޖޭގެ އެއާޕޯޓަކުން ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބުމަކީ އެންމެ ދެކެން ބޭނުންވި ދުވަސް ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އާއެކު އެފަދަ ހިދުމަތެއް ފަސިންޖަރުންނަށް ލިބޭނެ ކަމަށް އެއާލައިންތަކުން ބުނެފި އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އެއާލައިންތަކުން ބައިވެރިކޮށް، މުޅި ޕްރޮސެސް ކުރިއަށްދާ ގޮތް ވަނީ ދައްކާލައިފަ އެވެ.
މި ޓްރަޔަލްގައި ފަސިންޖަރުގެ ޗެކިން މަރުހަލާއާއި، ފަސިންޖަރުން ދަތުރުކުރާ މަގުތަކާއި، ބެގޭޖް ހޭންޑްލިން ސިސްޓަމާއި، ފަސިންޖަރުންގެ ބޯޑިން ޕްރޮސެސް ކުރިއަށްދާ ގޮތުގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ އިތުރުން އެރައިވަލް ފަސިންޖަރުން ޓާމިނަލަށް ވަދެގެން ދާގީނާ ނެގުމާއި ހަމައަށްދާނެ މަގުތަކުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔަ އެވެ. މި ޓްރަޔަލް ވިލަރެސްކުރުމަށްޓަކައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުންނާއި ޓްރެވެލް އޭޖެންޓުން ވަނީ ބައިވެރިވެފަ އެވެ.
ޓްރަޔަލްއަށްފަހު ވާހަކަ ދައްކަވަމުން އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓް މެނޭޖަރު މުނާޒު އަލީ ވިދާޅުވީ އެއާލައިންތަކުން އެންމެ ބޭނުންވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބުން ކަމަށެވެ. އާ ޓާމިނަލް އާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބިގެންދާނެ ކަމަށާއި އެކަމަށްޓަކައި އެއާލައިންތަކުން ތިބީ ވަރަށް އުފަލުން ކަމަށްވެސް މުނާޒު ވިދާޅުވި އެވެ.
އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ވައިސް ޗެއާމަން އަދި ގަތަރު އެއާވޭސްގެ އެއާޕޯޓް ސާވިސް މެނޭޖަރު އަހުމަދު ނަހުޝަން ނިޒާރު ވިދާޅުވީ، އާ ޓާމިނަލް އާއެކު ރާއްޖެ، ރާއްޖޭގެ ގޮތުގައި ރާއްޖެ އަންނަ ފަސިންޖަރުންނަށް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މެލޭޝިއަން އެއާލައިން، ސްޓޭޝަން މެނޭޖަރު އަހުމަދު ހަނަމް ފާއިޒު ވިދާޅުވީ އާ ޓާމިނަލްގެ ފުރިހަމަ ބޭނުން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އެމްއޭސީއެލް އިން މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާ ޓާމިނަލްއަކީ ފުރިހަމަ، ރީތި އަދި ފަސިންޖަރުންނާ ރަހުމަތްތެރި، ޒަމާނީ ޓާމިނަލް އަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން އަންނަނީ ވަމުންނެވެ. އާ ޓާމިނަލާއެކު ފަސިންޖަރުންނަށް ޒަމާނީ ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.