ލޮބުވެތި އަޚާ އެވެ! ޤަބޫލުކުރަން ކިތަންމެ އުނދަގޫ ވިޔަސް އުފަންވުމަ ށްފަހު އެހެން ހުރިހާ ކަމަކަށް ވުރެ ތިބާއަށް ޔަޤީންކަން އެންމެ ބޮޑުކަމަކީ މަރުވުމެވެ އަހަރަމެންގެ ޢުމުރުން ފުރޭ ކޮންމެ އަހަރަކީ މަރު އަހަރަމެންނާ ކައިރިވަމުން އަންނަކަމުގެ ޢަލާމާތެކެވެ. އިހުނަށް ވުރެ ގާތްވި ގާތްވުމެކެވެ. ފާއިތުވީ އަހަރު އަލުން ނުލިބޭނޭ ކަމާއި، އަހަރަމެންގެ މައްޗަށް ކަނޑައެޅި ބަޔާންވެފައިވާ އަޖަލު ކުރުވެއްޖެކަން ދެނަހުރީ އަހަރަމެންގެ ތެރެއިން ކިތައް މީހުން ބާވަ އެވެ؟
ފަހެ، އަހަރަމެން ބަލަބަލާތިއްބައި އަހަރަމެންނާ ނުހަނުގާތުގައި، ހިނދުކޮޅެއް ކުރީން އުޅުނު، އަހަރަމެންގެ ގާތް ރަޙްމަތްތެރިއަކު، ގާތްތިމާގެ މީހަކު، އެއްބަނޑު އެއްބަފާ މީހަކު ނުވަތަ އަހަރުމެން މި ދުނިޔެ އަށް އުފަންވުމަށް މެދުވެރިވި އަހަރުމެން އެ ބަޔެއް ދެކެ ނުހަނު ލޯބިވާ މަންމަޔަކު ނުވަތަ ބައްޕަޔަކު މި ދުނިޔެއާ އަލްވަދާޢު ކިޔުމަށް ފަހު އަހަރުމެންނާ ވަކިވެގެން އާޚިރަތުގެ ގޮވައްޗާ ދިމާ އަށް ދަތުރު އެ ފެށީ އެވެ. ކަށްވަޅުގެ އަދިރި ކަމުގެ ތެރެއަށެވެ. އަހަރުމެންގެ އަތުން އެ ވަޅަށް ކަޅުހިރަފުސް ވެލި އެޅުމަށް ފަހު އަތްފޮޅާލާފައި ސަހަރާއިން ނިކުމެ، އަހަރުމެން މި ތިބަގެން ދަނީ އެވެ.
ޤިޔާމަތާ ޖެހެންދެން އޮންނާން ކަށްވަޅު އެއީ ހާދަހާ ކުޑަކުޑަ ޖަގަހައެކެވެ. ހާދަހާ ގިނަ ދުވަހަކު އެތާނގައި އޮންނާން ޖެހެ އެވެ. އެއީ ހާދަހާވާ އެކަނިވެރި މަންޒިލެކެވެ.
ޢަބްދުﷲބުނު ޢުބައިދުބުނު ޢުމައިރުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އާދަމުގެ ދަރިޔާއާއި މުޚާޠަބުކޮށް ކައްވަޅު ގޮވާލާނެއެވެ. ‘އޭ އާދަމުގެ ދަރިޔާއެވެ. އަހަރެންގެމަތީން ކަލޭ ހަނދާންނެތުނީ ކިހިނެއް ހެއްޔެވެ. އަހަރެންނަކީ ކަލޭ ފަނާވެ ދިޔުމުގެ ގޮވަތިކަންކަލެއަކަށް ނޭގޭހެއްޔެވެ. އަހަރެންނަކީ ފަނިފަކުސައިގެ ގޮވައްޗެއްކަން، އެކަނިވެރިކަމުގެ ގޮވައްޗެއްކަން، އެކަހެރިކަމުގެ ގޮވައްޗެއްކަން ކަލޭ ނުދެނަހުރީމުހެއްޔެވެ."
ލޮބުވެތި އަޚާއެވެ! ދެނެވަޑައިގަންނަވާށެވެ. މަރަކީ ވަރަށް ވޭން ހުރި އަނިޔާ ލިބިގެންވާ އެއްޗެކެވެ. މަރު ބައްޔަކީ ދުނިޔޭގައި އެ ބައްޔަކަށް ޝިފާއެއް ނުވާ ހަމައެކަނި ބައްޔެވެ. ކޮންމެ މީހަކުމެ މަރުބަލީގެ ވޭން ތަޙައްމަލް ކުރަން ޖެހެއެވެ.
އަލްބަރާއު ބުނު ޢާޒިބުގެ ކިބައިން އިބުނުމާޖާ ރިވާކުރެއްވިއެވެ. "ތިމަން ބޭކަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއެކުގައި ޖަނާޒާއަކަށް ވަޑައިގަތީމެވެ. އިތުރު އެކަލޭގެފާނު މަހާނާގެ ކާރީގައި އިށީނދެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެން ދިޔައެވެ. އެ ކަރުނައިގެ ގިނަކަމުން ބިމުގައިވާ ހިރަފުސްތެމުނެވެ. އަދި ޙަދީޘްފުޅު ކުރެއްވި އެވެ. ”އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! ތިޔަބައިމީހުން މިކަމަށް ޓަކައި ތައްޔާރުވުން ހުއްޓެވެ."
އަދިވެސް އިބުނު މާޖާ ރިވާކުރައްވަ އެވެ. އިތުރު އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅު ކުރެއްވިއެވެ. ”ކަށްވަޅުގެ މަންޒަރަށްވުރެ ވަކީން ބިރުވެރި މަންޒަރެއް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ.”
އަހަރުމެން ހިތާމަކުރީ ހަމައެކަނި އަހަރުމެންގެ ގާތްމީހަކު އަހަރުމެންނާއި ވަކިވެގެން ދިޔުމުންނެވެ. ޤަބުރުސްތާނުގެ ހަތަރުފާރުން ބޭރުވުމާއިއެކު އަހަރުމެންގެ ހިތާމަތައް ހިތްތަކުން ފިލައި އެކަމުގެ އިޙްސާސް ކެނޑިދެއެވެ. އަހަރުމެންވެސް ހަމަ އެމަގުން ދަތުރު ކުރާން ޖެހޭކަން ހަނދާނަކު ނުހުރެއެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ހަމަޔަޤީނުން އަހަރުމެން ވެސް އެ މަގުން ދާން ޖެހޭނެ އެވެ. އަހަރުމެން ބުނީ އޭނާ މަރުވީއެވެ. އަހަރެން މިހުރީ ދިރި ދުނިޔޭގައެވެ. ދާއިމީ ގޮތެއްގައޭ ހީވާ ކަހަލަ އެވެ؟
ލޮބުވެތި އަޚާނއެވެ! ވިސްނާ ފިކުރު ކުރައްވާށެވެ. މަރަކީ ވަރަށް އިންސާފުވެރި އެއްޗެކެވެ. މުއްސަނދީންނާއި ފަޤީރުން ފަރަޤެއް ނުކުރެވެ. ވަކި ޖިންސަކަށް ވަކި ޢުމުރަކަށް ތަފާތު ކުރުމެއް ނެތެވެ. ވަކި ޤައުމަކަށް ވަކި ކުލަޔަކަށް ނުބަލައި މަރުގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ.
ޤަބޫލު ކުރަން ބޭނުން ނުވިޔަސް ކުރިއަށް އޮތް ބައިގަޑިއުރު ނުވަތަ އެއަށް ވުރެ ބވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތިބާ މި ދުނިޔެއިން އަލްވަދާޢު ކިޔަން ޖެހުމަކީ ނާދިރު ކަމެއް ނޫނެވެ. ނޭނގޭ ނކަމަކީ މަރު އައިސް އަހަރުމެންނާއި ބައްދަލު ކުރާނެ ވަގުތެވެ. ހަމަ ކުޑަހިނދު ކޮޅެއްގެ ނތެރޭގައި އަހަރަމެންގެ ހުރިހާ ކަމެއް ނިމި ތާއަބަދައްޓަކައި މިދުނިޔެއާ ވަކިވާން ޖެހިދާނެބއެވެ.
އެހެންކަމުން ދުނިޔޭގެ ދިރިހުރުމަކީ ހިނދުކޮޅެއްގެ ވަގުތީ ކަމެކެވެ. ދުނިޔެއަކީ އެއްވެސް ޔަޤީންކަމެއް އިތުބާރެއް ނެތް ތަނެކެވެ.
އަލްއިމާމު ޤުރުޠުބީ رحمه الله ވިދާޅުވެފައި ވެއެވެ. “އަޚާއެވެ! މަރާއި އޭގެބިރުވެރިކަމާއި ދޭތެރޭގައި ވިސްނާށެވެ. އޭގެ ވޭނާއި ކެކުޅުމާއި ދޭތެރޭގައި ފިކުރު ކުރާށެވެ. މަރުގެ ވަޢުދަކީ ކިހާތެދު ވަޢުދެއް ހެއްޔެވެ. މަރަކީ ކިހާޢަދުލުވެރި ފަނޑިޔާރެއް ހެއްޔެވެ. އެއީ އޭގެސަބަބުން ލޮލުން ކަރުނަ އޮހޮރުވައި، ލޯތައް ދުޅަކުރުވާ އެއްޗެކެވެ. އެއީ ޖަމާޢަތްތައް ބައިބައި ކުރުވާ، އުފާވެރިކަން ނަގާލައި، އުންމީދުތައް ވިއްސިވިހާލިކުރުވާ އެއްޗެކެވެ. އޭއާދަމުގެ ދަރިޔާނއެވެ! ކަލޭ މަރާއި ކުރިމަތިލާން ޖެހޭ ދުވަހާ މެދު ވިސްނީމު ހެއްޔެވެ؟
ކަލޭގެ ރަޙްމަތްތެރިން ކަލެއަށް ޚިޔާނާތްތެރިވުމަށްފަހު އަދި ކަލޭގެ އަޚުން އެމީހުންނާއި ކަލޭ އެކަހެރިކުރުމަށްފަހު މިބިމުން ނެރެލައި ކަލޭގެންގޮސް ހަނި ވަޅުގަނޑަކަށް ލުމާއިމެދުގައި ފިކުރު ކޮށްލީމުހެއްޔެވެ. ކަލޭގެ ތަންމަތީން ބޭރުކޮށްލުމަށްފަހު ފޭރާންތައް ބާލުވައި ކައްވަޅުގައި ބާއްވާ ގައިމައްޗަށް ފަސްއަޅާ ފޮރުވާލާނެކަމާއިމެދު ވިސްނާލީމު ހެއްޔެވެ. އޭ ފައިސާ ހޯދާ މުދާގިނަކުރުމަށް މަސައްކަތްކުރާ މީހާ އެވެ! މާތް الله سبحانه وتعالى ގަންދީ ބުނަމެވެ. ކަލޭގެ މުދަލުންސަންދޯކެއް ފިޔަވައި އެއްވެސް އެއްޗެއް ލިބިގެންނެއްނުވެއެވެ. ކަލޭގެ ފައިސާތައް ގެއްލި ދާހުއްޓެވެ! ކަލޭގެ ހަށިގަޑު ވެއްޔަވެ ވީރާނާވެދާހުއްޓެވެ!
ކަލޭ އެއްކުރި ފައިސާތައް ދިޔައީ ކޮން ތާކަށް ހެއްޔެވެ؟ މި ބިރުވެރިކަމުން އެފައިސާއަށް ކަލޭ ސަލާމަތްކޮށްބދެވޭނޭ ހެއްޔެވެ؟ ނޫނެކެވެ. އެ ފައިސާ ކަލޭ ދޫކުރީ ކަލެއަށް ޝުކުރުވެރިނވެސް ނުވާނޭ ބައެއްގެ އަތްމައްޗަށެވެ.”
ޢާލަމްތަކުގެވެރި ގަދަކީރިތިވަންތަ އިލާހުގެ ޙަޟުރަތަށް ދަތުރުކޮށްފައި ދާހިނދު ފާފަތަކުން ބަރާވެގެންވާޙާލު އެއިލާހާއި ބައްދަލްވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ވޭތޯއެވެ؟ މިދުނިޔޭގައި ދެއްވި ބާރާއި، ޢުމުރާއި، މުދާނަހަމަ ގޮތުގައި ބޭނުންކުރުމަށްވުރެ ބޮޑު އަނިޔާއެއް ވޭތޯއެވެ. މާތް الله سبحانه وتعالىގެ ވަޙީ ބަސްފުޅުގައި ވެއެވެ. وَابْتَغِفِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ (سورة القصص– 77) މާނައީ: ” އަދި މާތް ﷲ ތިބާއަށްދެއްވި ތަކެތީން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ.”الله سبحانه وتعالى މަރާއި ދިރިހުރުން އުފައްދަވާފައިވަނީވަރަށްޙިކުމަތްތެރި ބޭނުމަކަށްޓަކައިކަމުގައި އަންގަވާފައި ވެއެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً (سورة الملك 4-2) މާނައީ:” އެކަލާނގެއީ ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ޢަމަލުކުރަނީ ކޮންބައެއްތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި މަރާއި ދިރިހުރުން ލެއްވި ރަސްކަލާނގެއެވެ.”
އެހެންކަމުން މަރުގެ އިމްތިޙާނުން ފާސްވުމަށްޓަކައި ހެޔޮޢަމަލު ކުޅައުންހުއްޓެވެ. އެކަމަށް އަވަސްވެ ގަތުންބހުއްޓެވެ.
ލޮބުވެތި އަޚާ ނއެވެ! މިއަދު ތިބާ މިތަނަށް ތިޔައައީ ތިބާގެނމިވެނި އެވެނި ގާތް މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށް އޭ ނނާއަށް ފާފުއްސަވާތޯ الله سبحانه وتعالى އަށް ދުޢާދަންނަވާށެވެ. ނިކަމެތިކަމާއި އާދޭހާއިއެކުގައެވެ. އެހެންނަމަވެސް މިއީ ތިބާގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ވެސް ނޫނެވެ.
މިތާނގައި ތިބި މީހުންގެ ގިނަކަން ތިބާ ނުދެކެމުހެއްޔެވެ. ތިބާ މިތަނަށް ނަޔަސް އެކަން ކުރާނޭ ބަޔަކު އެބަތިއްބެވެ.އެހައިރުން ތިބާގެމަތީން މިކަމުގެ ޒިންމާ ކެނޑިގެންދެއެވެ. މިތަނަށް ތިބާއައުމުގެ ކުރީން ތިބާގެ ބޮލުގައި ހާދަހާބޮޑު ޒިންމާއެއް އެޅި އަދާ ނުކުރެވި އެބައޮތެވެ. ފަހަރެއްގައި މިޖަނާޒާ ނިންމާފާ މިތަނުން ނުނިކުމެވިގެން އުޅެނިކޮށް، ދެންމެގައި ބިމުގެ އަޑީގައި ވަޅުލި އަޚާއާއިއެކުގައި ދަތުރު ކުރާންވެސް ޖެހިދާނެނއެވެ.
ލޮބުވެތި އަޚާނއެވެ! ހިތާމައިގެ ކޮޅެއް ވެސް ނެތެވެ! ފަރުޟު ނަމާދުތަކަށް އިހާނާތްތެރިވެވި ފަރުވާ ކުޑަކުރެވިފައިވެނއެވެ. ދީނުގެ ޙުކުމްތަކާ މެދު އަޅާނުލެވި ދޫކޮށްލެވިފައިވެ އެވެ. ދީނުގެ ކަންކަމަށް މަލާމާތްކޮށް ފުރައްސާރަ ކުރެވިފައިވެ އެވެ. އަދި ހަމަ އެފަދައިން މިފަދަ ހިތާމައާއި ނިކަމެތި ކަމުގެ ވަގުތުގައި އަޅުގަނޑުމެންގެ އުޚުތުން، އަޢުރަ ނިވާނުކޮށް އޮރިޔާންކަން ފާޅުކުރަމުން ޣާފިލުކަމުގައި މީސްތަކުންގެ ތެރޭގައި މަސްހުނިވަމުން މިހިރަ ދަނީއެވެ. އޭ ލޮބުވެތި އުޚުތުވެ! ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯނއެވެ.
ދީން ދަސްކޮށް އެއަށް ޢަމަލު ކުރަމާތޯ އެވެ. ތައުބާގެ ވަގުތު އަދި ފާއިތެއް ނުވެ އެވެ. އެކަމަށް އަވަސްވެގަންނަމާތޯ އެވެ؟
މަސްދަރު: ނޫރުލްއިސްލާމް