Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ޒާރާ އާއި ސިޔާމްގެ ކައިވެނި ނިމުމަކަށް

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) އާއި އައިމިނަތު ޒާރާގެ ކައިވެނި ނިމުމަކަށް އަތުވެއްޖެ އެވެ.

ސިޔާމްގެ އަރިސް ބޭފުޅެއް ކަމަށްވާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެނި އަކީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކުރެވިގެން ދިޔަ ކައިވެންޏެއް ކަމަށާއި އެ ކައިވެނި ރޫޅާލާފައި ވަނީ ވެސް އެކަކު އަނެކަކުގެ މެދުގައި ރިވެތި ގޮތުގައި މަޝްވަރާކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

ސިޔާމަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން ކަމަށް އައްބާސް ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކު. ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއް ނޫން." އައްބާސް ވިދާޅުވި އެވެ.

ސިޔާމް، ޒާރާއާ ކައިވެނި ބައްލައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

ރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރެވެ. އަދި އޭނަ އަކީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރެވެ.

ޒާރާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ބޮޑު އީދު ތެރޭގައި ކަމަދޫގައި ބޭއްވި ނެށުމުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން އޭނަގެ ރީތިކަމުގެ ޖާދޫގައި އެތައް ބަޔަކު ޖެހުނު ވާހަކަ އެކިއެކި މީޑިއާތުކުން ގެނެސްދީފައިވެ އެވެ.