Last Updated: July 16, 13:55
Wednesday, July 16, 2025
ޚަބަރު

އާ ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް އިންސްޕެކްޓް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގައި ޤާއިމު ކުރެވިފައިވާ ސަލާމަތީ ނިޒާމްތައް ޓެސްޓްކޮށް އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށްޓަކައި ކުރިއަށް ގެންދަންޖެހޭ އިންސްޕެކްޝަންތައް ދިފާޢީ ވުޒާރާގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ޑިވިޝަނުން ފަށައިފި އެވެ.

ދިފާއީ ވުޒާރާ އިން ބުނީ ސަލާމަތީ ނިޒާމްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ އެމްއޭސީއެލްއާ ގުޅިގެން ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް، ނިޒާމީ ގޮތެއްގައި ތަފާތު ބައިތަކަށް ބަހާލެވިގެން ކަމަށެވެ.

އެގޮތުން އިއްޔެގެ އިންސްޕެކްޝަންގައި ޓާމިނަލްގެ އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ނިޒާމް ބަލައި ޓެސްޓުކޮށްފައިވެ އެވެ.

މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ ހޯލްޑް ބެގޭޖް ސްކްރީނިން އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްގެ ޓެސްޓް ކުރުމަށްޓަކައި ބެގެޖް ސްކްރީނިން ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދިއުމާއެކު އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ އެހެނިހެން އިކުއިޕްމެންޓްތައް ޓެސްޓް ކުރުމުގެ މަސައްކަތުގެ އިތުރުން ޓާމިނަލްގައި ޤާއިމު ކުރެވިފައިވާ އިކުއިޕްމެންޓް ތަކާއި އެކްސްސް ކޮންޓްރޯލް ނިޒާމާއި ސީސީޓީވީ ނިޒާމް ބޭނުންކުރުމުގެ އެސްއޯޕީތައް ރިވިއުކޮށް ހުއްދަ ދިނުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައި މި މަހުގެ 26 ވަނަ ދުވަހު އެވެ.