Last Updated: July 17, 23:49
Thursday, July 17, 2025
ކުޅިވަރު

އިސާކް ގެންނަން ލިވަޕޫލުން ޝައުގުވެރިވޭ

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، އަލެކްސަންޑަ އިސާކް ގެންނަން ލިވަޕޫލުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ލިވަޕޫލުން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކްލަބުން އަންނަނީ ފޯވާޑް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލުން ގެންނަން އެންމެ ބޮޑަށް ބޭނުންވާ ފޯވާޑަކީ އިސާކް އެވެ. އެގޮތުން އޭނާ ގެންނަން 120 މިލިއަން ޕައުންޑްގެ ބިޑެއް ނިއުކާސަލަށް ހުށަހަޅަން ލިވަޕޫލް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ޓްރާންސްފާ މާކެޓުގައި އިސާކް ނުވިއްކާނެ ކަމަށް ނިއުކާސަލުން މީގެކުރިން ބުނެފައިވާއިރު، އެ ކްލަބުން އަންނަނީ ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އަންނަ ފްރާމްސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިސާކް ،25، ނިއުކާސަލްއާ ގުޅުނީ 2022 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުން 63 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ ނިއުކާސަލަށް ކުޅެދިން 109 މެޗުގައި 62 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މީގެއިތުރުން މިދިޔަ ސީޒަނުގައި ލިވަޕޫލް ބަލިކޮށް އިނގިރޭސި ލީގު ކަޕް ނިއުކާސަލަށް ހޯދައިދިނުމުގައި ވެސް އިސާކް މުހިއްމު ރޯލެއް އަދާކުރި އެވެ. އެއީ 70 އަަހަރު ތެރޭ ނިއުކާސަލަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތަށްޓެވެ.