Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އިސްލާމިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރަން ހުޅުވާލައިފި

ސަލްމާނު މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމިކް ލައިބްރަރީ އަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހަދިޔާ ކުރަން ބޭނުންވާ ފޮތްތަކާބެހޭ މަޢުލޫމާތު [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ. އަދި ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގަ އެވެ. މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.