Last Updated: July 17, 23:49
Thursday, July 17, 2025
މުނިފޫހިފިލުވުން

ސިދާތާއި ކިއާރާ އަށް އަންހެން ކުއްޖެއް

ބޮލީވުޑްގެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ކިއާރާ ވިހެއީ ރޭގެ ވަގުތެއްގައި މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި ކަމަށެވެ.

ކިއާރާ އާއި ސިދާތަށް އަންހެން ކުއްޖަކު ލިބުނުކަން ދެ ތަރިންގެ އިންސްޓަގްރާމްގައި މިއަދު ހިއްސާކުރުމާ އެކު، ގިނަ ބަޔަކު އަންނަނީ ޒުވާން ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އަދި ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާ ބަލިވެއިންކަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އޭނަ އާއި ސިދާތު ކައިވެނިކުރީ 2023 ގަ އެވެ. ބޮލީވުޑްގެ "ވަރަށް ލޯބި" ޖޯޑެއްގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ ދެ ތަރިން އެކީގައި ވަރަށް ކާމިޔާބު ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ 2021 ގެ "ޝޭރުޝާ" އެވެ.

ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ އަންނަަ މަހުގެ 14 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ރިތިކް ރޯޝަންގެ "ވޯ 2" އެވެ. ސިދާތުގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 އަށް ތާވަލުކޮށްފައި އޮތް ޖާންވީ ކަޕޫރްގެ "ޕަރަމް ސުންދަރީ" އެވެ.