ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އެ ފުރުސަތު އިއްޔެ ހުޅުވައިލީ މެންބަރެއްގެ ގޮތުގައު ހުންނެވި އިސްމާޢިލް ސާޖިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެހެންވެ މެންބަރު ކަމަށް ހުޅުވާލައި، ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުން ސާޖިދު އެ މަޤާމުން އިސްތިއުފާ ދެއްވި އިރު، ޓްރައިބިއުނަލުގައި ދެން ތިއްބަވާ ހަތަރު މެންބަރުންނަކީ މެންބަރު ޙަސަން ޒުހައިރު މުޙައްމަދާއި މެންބަރު އިބްރާހީމް ޝަރީފާއި މެންބަރު ޝިފްޒާ ޢަބްދުލްޤައްޔޫމްގެ އިތުރުން ޢަބްދުލްޣަނީ މުޙައްމަދެވެ.
ޓްރައިބިއުނަލްގެ ރައީސަކީ ޢަބްދުލްޣަނީ އެވެ.