ކަސްޓަމްސްގެ ވަޒީފާތަކަށް އަލަށް ނެގި މުވައްޒަފުންތަކެއް މަގާމުގެ ހުވާކޮށްފި އެވެ.
އެ މީހުން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ކަސްޓަމްސް ބިލްޑިންގުގަ އެވެ. އަލަށް ކަސްޓަމާ ގުޅުނު 56 މުވައްޒަފުންނަށް މަގާމުގެ ހުވާލައި ދެއްވީ ފެމިލީ ކޯޓްގެ ގާޒީ އަބްދުﷲ މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި އޭނަ ވަނީ މުވައްޒަފުން ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ނަޒާހަތްރެރިކަމާ އެކި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.
ކަސްޓަމްސްއާ އަލަށް ގުޅުނު މުވައްޒަފުން ހުވާ ކުރުމުގެ ރަސްމިއްޔާތެއްގައި އެ މުއައްސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެގޮތުން ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ ވަނީ އަލަށް ހިދުމަތާ ގުޅުނު މުވައްޒަފުންނަށް މަރުހަބާ ދަންނަވައި، ކަސްޓަމްސް އޮފިސަރުންނަކީ ވަރަށް މުހިއްމު ޒިންމާތަކަކާ ހަވާލުވާ ބައެެއްކަން ހަނދާންކޮށް ދެއްވައިފަ އެވެ.
އެގޮތުން ކަސްޓަމްސް އޮފިސަރުންނަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި ވިޔަފާރިއާ ގުޅޭ މުއާމަލާތްތަކުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބަޔަކަށްވާތީ ވީހާ ވެސް ޒިންމާދާރުކަމާ އެކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް، އަލަށް ގުޅުނު މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކަސްޓަމްސްއާ އަލަށް ގުޅުނު 56 މުވައްޒަފަކު މަގާމު ހުވާކުރި އިރު، އެ މުއައްސަސާ އަށް 160 އަށް ވުރެ ގިނަ މުވައްޒަފުން ނަގަން އިއުލާންކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.