Last Updated: May 13, 23:37
Monday, May 13, 2024
ކުޅިވަރު

ރިއަލް މެޑްރިޑް އަދި ޔުއިޓެޑް ހަނި ގޮތަކަށް މޮޅުވެ ތާވަލުގެ އެއްވަނައަށް!

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރިއަލް މެޑްރިޑް އަދި މެންޗެސްޓާރ ޔުނައިޓެޑް ވެސް 0-1 ގެ ނަތީޖާ އަކުން މޮޅުވެ ދެ ޓީމް ހިމެނޭ ގްރޫޕުގެ އެއްވަނަ އަށް އަރައިފިއެވެ.

ރިއަލް މެޑްރިޑް އަދި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ 35 ވަނަ މިނެޓުގައި ރިއަލް ގެ ޑިފެންޑަރ ނާޗޯ ފެނަންޑެޒްގެ ފަރާތުންނެވެ. މިދެޓީމު ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިރޭގެ މެޗުން މޮޅުވެ ރިއަލް އޮތީ 10 ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއް ވަނައިގައެވެ. 7 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ދެވަނައިގައެވެ.

ގްރޫޕް ބީ ގައި އިނގިރޭސި ގަދަ ބާރު މެންޗެސްޓާރ ޔުނައިޓެޑް އަދި ރަޝިޔާ ގެ ސީއެސްކޭއޯ މޮސްކޯ ބައްދަލު ކުރި މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ މެޗުގެ ވަރަށް ފަހުކޮޅު ކާމިޔާބު ކުރެވުނު ގޯލަކާއެކު 0-1 ގެ ނަތީޖާ އަކުންނެވެ. މެޗުގެ 79 ވަނަ މިނެޓުގައި މިގޯލު ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓެއިން ވޭން ރޫނީ އެވެ.

ފާއިތުވި މެޗުތަކުގައި ގޯލުތަކެއް ފެނިގެން ގޮސްފައި ނުވާތީ މިރޭގެ މެޗުގެ ކުރިން ގިނަ ބަޔެއްގެ ފާޑު ކިޔުންތައް މެނޭޖަރު ވެން ގާލް އަދި ކެޕްޓަން ރޫނީ އަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް މެނޭޖަރު ވަނީ ކެޕްޓަން އަށް އޭނާގެ އިތުބާރު އޮތް ކަމަށް ހާމަ ކޮށް ހިތްވަރުދީފައެވެ.