Last Updated: July 17, 23:49
Thursday, July 17, 2025
ދުނިޔެ

ވޭޕްކުރާ ދަރިވަރުންގެ އަދަދު ދަށްވެއްޖެ

ޑިސްޕޯސަބަލް ވޭޕް މަނާކުރި ފަހުން އޮސްޓްރޭލިއާގައި ވޭޕްކުރާ ސްކޫލް ދަރިވަރުންގެ އަދަދު ދަށްވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެ ޒާތުގެ ވޭޕް އެ ގައުމުގައި މަނާކުރީ 2023 ގަ އެވެ.

އޮސްޓްރޭލިއާގެ ކެންސާ ކައުންސިލުން ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޖެނެރޭޝަން ވޭޕް ސާވޭ އިން ދެއްކި ގޮތުގައި 2023 ގެ ފުރަތަމަ މަހުން ފެށިގެން މި އަހަރުގެ އެޕްރީލް މަހާ ހަމައަށް އުމުރުން 14-17 އަހަރާ ދެމެދުގެ ދަރިވަރުން ވޭޕްކުރާ ނިސްބަތް 17.5 އިން 14.6 އަަށް ދަށްވެފައިވެ އެވެ.

މީގެ އިތުރުން އޮސްޓްރޭލިއާގައި މިހާރު ވޭޕްކުރާ 15 އަހަރުން މަތީގެ މީހުންގެ ނިސްބަތް ވެސް ތިންގުނަ ދަށްވެފައިވާ ކަމަށް ދިރާސާ އިން ފާހަގަވެފައި އެވެ. ހަމަމިއާ އެކު އުމުރުން 14-17 އަހަރާ ދެމެދުގެ 3،000 އެއްހާ ދަރިވަރުންގެ މައުލޫމާތު އެއްކޮށްގެން ހެދި ދިރާސާގައި ބުނެފައި ވަނީ 85.4 ޕަސެންޓް ކުދިންނަކީ އެއްގޮތަކަށް ވެސް ވޭޕް ނުުކުރާ ކުދިންނެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު މާކް ބަޓްލާ ވިދާޅުވީ ޒުވާބް ޖީލެއް ދުންފަތުން ދުރުކަން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން ޑިސްޕޯސަބަލް ވޭޕް މަނާކުރުމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަން މަނާކުރި ފަހުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް ގެންގުޅެމުން އައި 10 މިލިއަނަށް ވުރެ ގިނަ ވޭޕް އަތުލައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުން ހެޔޮ ބަދަލުތަކެއް ފެނުމަކީ ކުރިމަގުގެ ޖީލަކީ ދުޅަހެޔޮ ޖީލަކަށް ވާން ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

"އެހެންވެ އެކި ފެންވަރުގައި ހިންގާ މިކަމާ ގުޅޭ ކެމްޕޭންތައް އިތުރަށް ފުޅާ ވެސް ކުރަން ޖެހޭ." މާކް ވިދާޅުވި އެވެ.