Last Updated: July 17, 23:49
Thursday, July 17, 2025
މުނިފޫހިފިލުވުން

މިހިރީ އާ 'ހެރީ ޕޮޓާ'

ޑެނިއަލް ރެޑްކްލިފް ދެން ހެރީ ޕޮޓާގެ ގޮތުގައި ދެކޭނެ ކަމެއް ނެތެވެ. އޭނަ އަކީ މިހާރު 35 އަހަރުވެ، ޒުވާން އުމުރު ވެސް ފަހަނަޅައި ދިއުމުގެ މަގުމަތީގައި ހުރި އެކްޓަރެކެވެ. ޔަގީނުން ވެސް ހެރީ ޕޮޓާގެ ގޮތުގައި އޭނަގެ ކުޑައިރުގެ ސޫރަ ވަރަށް ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގިފައި ހުންނާނެ އެވެ.

އެކަމަކު ޑެނިއަލްގެ "ހެރީ ޕޮޓާ" މާޒީ އަށް ދޫކޮށްލައި، މިހާރު މިއޮތީ އާ ހެރީ ޕޮޓާ އަށް އިންތިޒާރު ކުރަން ވެފަ އެވެ.

އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ މަޝްހޫރު ވާހަކަ ސިލްސިލާ އަށް ބިނާކޮށް މި ފަހަރު ގެނެސްދޭން އުޅެނީ ފީޗާ ފިލްމުތަކެއް ނޫނެވެ.

އޭގެ ބަދަލުގައި "ހެރީ ޕޮޓާ" ދެން އަންނާނީ ދިގުދެމިގެންދާ ސީރީޒެއްގެ ގޮތުގަ އެވެ. އެޗްބީއޯ އިން މީގެ މަސައްކަތް ކުރިއަށްދާތާ މިހާރު ދުވަސްވަތަކެއްވެފައިވާ އިރު، އުފާވެރި ޚަބަރަކީ އާ ހެރީ ޕޮޓާ މިހާރޔ ދައްކާލާފައިވާކަމެވެ. މި ފަހަރު އެ ރޯލު ކުޅެނީ 11 އަހަރުގެ ޑޮމިނިކް މެކްލޯލިން އެވެ.

"ހެރީ ޕޮޓާ" ގެ ގޮތުގައި އޭނަގެ ފަސްޓްލުކް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އޭނަ ވެސް ފެންނަނީ ހަމަ ޑެނިއަލް، ހެރީ ޕޮޓާގެ ގޮތުގައި ފެނުނު ލުކްގަ އެވެ.

ނަމަވެސް ޔަގީންވާ ކަމަކީ ރޯލިން 7 ބަޔަކަށް ގެނެސްދިން ވާހަކަ، ސީރީޒެއްގެ ގޮތުގައި އެޗްބީއޯ އިން ގެނެސްދޭ އިރު، ޒަމާނީ ވަރަށް ގިނަ ބަދަލުތަކާއި މި ޒަމާނުގެ ޓެކްނޮލޮޖީގެ ބޮޑެތި ކުރިއެރުންތަކެއް ވެސް "ހެރީ ޕޮޓާ" ސީރީޒުން ފެންނާކަމެވެ.

މުޅިން ތަފާތު އާ ކާސްޓުންނާ އެކު މީގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މި ސީރީޒްގެ މޭސްތިރިއަކީ ފްރާންސެސްކާ ގާޑިނާ އެވެ.

ޑެނިއަލްއާ އެކު "ހެރީ ޕޮޓާ" 8 ބަޔަކަށް ގެނެސްދިނީ 2001-2011 އަށެވެ. އަދި އެ ފިލްމުތަކަށް އާމްދަނީގެ ގޮތުގައި 7.7 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"ހެރީ ޕޮޓާ" އަށް ސީރީޒްގެ އިންތިޒާރުގައި ވަރަށް ގިނަ ބަޔަކު ތިބި އެޗްބީއޯ މެކްސް އިން މި ސީރީޒް ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.