Last Updated: July 18, 05:59
Friday, July 18, 2025
ޚަބަރު

ދަނޑުވެރިކަމުގެ ގައުމީ ލެބް އަންނަ އަހަރު ހުޅުވަނީ

ލެބްގެ ބިންގާ އެޅީ ސެޕްޓެމްބަރު 28، 2022 ގައި.

ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުވައްމުލަކުގައި ގާއިމުކުރާ ގައުމީ ލެބޯޓަރީ އަންނަ އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ނައިބު އިސްމާޢީލް މުޙައްމަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ، އަމާޒަކީ ލެބޯޓަރީގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުން ކަމަށެވެ.

"ލެބޯޓަރީގެ އިމާރާތުގެ މަސައްކަތް ވަނީ ޙަވާލުކުރެވި މަސައްކަތް ފެށިފައި. ދެން އަޅުގަނޑުމެން ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ވެސް ހޯދާފަ މިހާރު ފުވައްމުލަކަށް ފޮނުވާފައި އޮންނާނީ، އޭނަ ވިދާޅުވި އެވެ. "މިހާރު އޮތީ މަސައްކަތް ފެށިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ މި އަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ތެރޭގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތް ފެށުމަށް."

އިސްމާއީލް ވިދާޅުވީ ލެބޯޓަރީގެ ހިދުމަތް ފަށަންވާ އިރަށް އެތަނަށް ބޭނުންވާ މީހުން ވެސް ތަމްރީނު ކުރާނެ ކަމަށެވެ.

"އެކަމާ ގުޅުންހުރި ދާއިރާތަކުން ކޯސްތައް ހުޅުވާލުމާއި، ސްކޮލަޝިޕްސްތައް ދިނުމާއި، ކުދިން ކިޔަވައިގެން ނޫނިއްޔާ އަދި އިތުރަށް ބޭރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ބޭނުންވަންޔާ އެބޭފުޅުންނަށް އިތުރަށް ކޯޕަރޭޓް ކުރުމާއި، މިކަހަލަ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެންދޭ މިވަގުތު." އޭނަ ވިދާޅުވި އެވެ.

ދަނޑުވެރިކަމަށް ހާއްސަކޮށްގެން ހަދާ ގައުމީ ލެބޯޓަރީ އަކީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން އެ ތަންފީޒުކުރާ "ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީ" ގެ މަޝްރޫއެކެވެ.

އެގޮތުން ލެބްގެ ބިންގާ އެޅީ ސެޕްޓެމްބަރު 28، 2022 ގަ އެވެ.