Last Updated: July 18, 10:06
Friday, July 18, 2025
ޚަބަރު

"އިނޮވޭޓިވް ހަބް" އަށް ސުންގަޑި އިތުރުކޮށްފި

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ "އިނޮވޭޓިވް ހަބް" ގެ އެހީ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދަރިވަރުންނަށް ހުޅުވައިލި މި ފުރުސަތަށް އެޕްލައި ކުރުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 10 އަށެވެ.

"އެމްއެންޔޫ އިނޮވޭޓިވް ހަބް" އަކީ އުފެއްދުންތެރި ވިޔާފަރި ފެށުމަށް ޝައުގުވެރިވާ ޔުނިވަސިޓީގެ ދަރިވަރުންނަށް ބައިވެރިވުމަށް ޖުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި "އިނޮވޭޓީވް ހަބް" ތަޢާރަފު ކުރުމުގެ މައިގަނޑު މަގުޞަދަކީ ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތަށް ދެމެހެއްޓެނިވި، ކާމިޔާބު ވިޔަފާރިއަކަށް ބައްޓަންކޮށް ދިނުމުގައި އެހީތެރިވެ ދިނުމެވެ.

"އިނޮވޭޓިވް ހަބް" މެދުވެރިކޮށް "ސީޑް ކެޕިޓަލް" ގެ ނަމުގައި ތިން ގިންތިއަކަށް ބަހައިލާގެން، 50،000–500،000ރ. އާ ދެމެދުގެ މާލީ އެހީއެއް ވެސް ފޯރުކޮށް ދޭނެ އެވެ.

• އެންމެ ކުޑަމިންވަރު: 50،000ރ.
• މެދު މިންވަރު: 225،000ރ.
• މަތީ މިންވަރު: 500،000ރ.

އެމްއެންޔޫ އިން ބުނީ މި "އިނޮވޭޓިވް ހަބް"ގެ އެންމެ ފުރުތަމަ މަރުޙަލާގައި އެންމެ ގިނަވެގެން ހޮވުމަށް ހަމަޖެހިފައި ވަނީ 10 ދަރިވަރުން ކަމަށެވެ. އެގޮތުން މަރުޙަލާގައި، ދަރިވަރުންނަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން އިރުޝާދު ލިބިގެން ދިޔުމާއެކު، އެމްއެންޔޫގެ ވަޞީލަތްތަށް ބޭނުން ކުރުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެ އެވެ.

ނަމަވެސް މި މަރުޙަލާގައި ދަރިވަރުނަށް ދޫކުރެވޭނީ މާލީ އެހީގެ 20-50 ޕަސެންޓެވެ. އެގޮތުން، ޕޮރޮޓޯޓައިޕް ޑިވެލޮޕްކުރުމާއި މާކެޓިބް ރިސާޗް ހެދުން ފަދަ މަސައްކަތްތަކަށް ބަލައި ދަރިވަރުންނަށް ފައިސާ ދޫކުރެވެމުން ދާނެ އެވެ.

އެމްއެންޔޫގެ "އިނޮވޭޓިވް ހަބް" ގެ ފަރާތުން ބޮޑަށް އިސްކަން ދޭބީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ގޮތުގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށެވެ.