ކިއުބާގައި ސަލާން ޖަހާ މީހުން ނޫޅޭ ކަމަށް ވިދާޅުވެ އެ ގައުމުގެ ލޭބާ އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރު މާޓާ އިލީނާ ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރިމަތިވެވަޑައިގަތް ފިއްތުންތަކާ ހެދި އިސްތިއުފާ ދެއްވައިފި އެވެ.
ކިއުބާގައި ސަލާން ޖަހަން ޖެހޭ ވަރުގެ ފަގީރުންނެއް ނޫޅޭ ކަމަށާއި ބަޔަކު ގޮނޑު ހޮވުމަކީ އެ އެ މީހުންގެ އަމިއްލަ އިހުތިޔާރުގައި ކުރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އަދި އެކަން ކުރާ މީހުންނަކީ ސަލާން ޖަހާ ބައެއް ކަމަށް ހެދިގެން 'ފަސޭހައިން ފައިސާ ހޯދޭނެ މަގެއް' ގެ ބޭނުމުގައި 'ގޮނޑުން ތަކެތި ހޮވައިގެން ރިސައިކަލްކޮށްގެން އާމްދަނީ ހޯދަން އުޅޭ ބައެއް' ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެ، ގައުމުގެ ހާލަތު ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކިއުބާގެ އަސްލު ހާލަތަކީ ފަގީރުކަން އިތުރުވެ، ކާބޯތަކެތީގެ ދަތިކަން ވެސް ގައުމަށް އިންތިހާ އަށް ކުރިމަތިވެފައި އޮތުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަނު ބުނެފައި ވަނީ ރައްޔިތުންގެ ހާލަތު ސަރުކާރަށް ނޭނގޭކަން ވެރިންގެ އެފަދަ ވާހަކަތަކުން ސާބިތުކޮށްދޭ ކަމަށެވެ. އަދި ގައުމުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތުކޮށްފައިވެ އެވެ.