Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

އެމްޑީޕީގެ 'ރަން ރީނދޫ ދުވުން' 25 ގައި

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވަން ނިންމާފައިވާ ދުވުން މި މަހުގެ 25 ގައި މާލޭގާއި ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވީ ހުޅުމާލޭގައި ދުވުން ބާއްވަން ފުރުސަތު ދީފައި ނުވާތީ، ދުވުން މާލޭގައި ބާއްވަން ނިންމީ ކަމަށެވެ. އެހެންވެ ދުވުން އޮންނާނީ 25 ވަނަ ދުވަހުގެ ހަވީރު 4:00-6:00 އަށެވެ.

ދުވުން ބާއްވަން ކުރިން ނިންމީ މި މަހުގެ 18 ގަ އެވެ.

"ހުޅުމާލޭގައި ބާއްވަން ފުރުސަތު ނުދެއްވީމަ އަޅުގަނޑުމެން އެދެނީ މިނިވަން ކަމަށާއި އަދި ޑިމޮކްރަސީއަށް ލޯބި ކުރައްވާ އެންމެހާ ރައްޔިތުން އަޅުގަނޑުމެންނާއެކު 25 ގައި މިއޮންނަ ރަން ރީނދޫ ހަރަކާތުގައި ބައިވެރިވެދެއްވުމަށް،" އައިކް ވިދާޅުވި އެވެ.

ހުޅުމާލޭގައި ދުވުން ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރުސަތު ނުދިމުނުން އެމްޑީޕީން އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހަޅާފައިވެ އެވެ.

އެ ޕާޓީ އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވަން ތައްޔާރުވާ ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. އެ ދުވުން ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.