Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ރައީސް ލަންޑަނަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފެއްޓެވި ރަސްމީ ދަތުރުގެ ތެރެއިން މިއަދު ލަންޑަނަށް ވަޑައިގެންފި އެވެ.

ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާ އެކު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ އިއްޔެ ހަވީރު އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެ ކަމަށާއި އަދި ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައި ވަނީ ޖުލައި 26، 1965 ގަ އެވެ.