Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ބ. އަތޮޅަށް 28 ގައި އާރްޓީއެލް ފެރީ ފަށަނީ

އާރްޓީއެލް ޚިދުމަތް ހުވަދޫގައި ފެށުމަށް ބޭނުންވާ ލޯންޗު / ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް މި މަހުގެ 28 ގައި ބ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މި ޚިދުމަތް ބ. އަތޮޅުގައި ފެށުމަށްޓަކައި ކުރަން ޖެހޭ ތައްޔާރީތަކުގެ ގޮތުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޓީމެއް މިހާރު ވަނީ ބ. އަތޮޅަށް ދަތުރުތައް ފަށައިފަ އެވެ.

މި ދަތުރުތަކުގެ މައިގަނޑު މަގުޞަދަކީ ބ. އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެހެނިހެން އިދާރާތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށް، މި ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް އެންމެ ފަހުން ފެށީ މިދިޔަ މަހުގެ ތެރޭގައި ރ. އަތޮޅުގަ އެވެ. ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ކުރިއަށް ދާނެ އެވެ.

މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ.